12 Jul 2016, 18:52
ތާޖް މަހަލް ބްރޭންޑުގެ ފިނިފެން، "ބެސްޓް ރޯޒް ވޯޓާ" ފުޅީގެ އަސްލު ލޭބަލް މަތީގައި ލޭބަލެއް ތަތްކޮށްގެން ފިނިފެން ވިއްކަމުން ދާތީ، އެ ބްރޭންޑުގެ ފިނިފެން އެތެރެކޮށް ވިއްކުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ފުޅީގެ ލޭބަލް ބަދަލުކޮށްގެން ފިނިފެން ވިއްކުމުގެ އިތުރުން، އެ ލޭބަލްގައި އުފެއްދި ތާރީހަށް ވެސް ބަދަލު ގެނެސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ލޭބަލް ބަދަލުކޮށް އުފެއްދި ތާރީހަށް ބަދަލުގެނެސްފައި "ބެސްޓް ރޯޒް ވޯޓަރ" ބްރޭންޑުގެ ފިނިފެން އެތެރެ ނުކުރުމަށާއި ވިއްކަން ނުބެހެއްޓުމަށް އަދި ބޭނުން ނުކުރުމަށް އެ އޮތޯރިޓީ އިން ވަނީ އަންގައިފަ އެވެ.
އެމްއެފްޑީއޭ އިން ބުނީ އެފަދަ ބަދަލު ގެނެސްގެން ފެން ވިއްކާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެ އޮތޯރިޓީގެ ނަންބަރު، 3014305 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
އޮޅުވާލައިގެން ކާބޯތަކެތި ވިއްކާ ފަރާތްތަކާ މެދު، "މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރާ ގާނޫނު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީ އިން ބުނެ އެވެ.