ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ވަޒަންކޮށް މަތިކުރުމަށް، ކުރާ މަސައްކަތުގެ ތެރެއިން، 112 ސްކޫލެއްގެ ގްރޭޑް ހަތަރެއް އަދި ހަތެއްގެ ދަރިވަރުންނަށް، ދިވެހި މާއްދާގެ ނޭޝަނަލް އެސެސްމަންޓު އިމްތިޙާނު މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އެ އިމްތިޙާނުގެ ބޭނުމަކީ މިދިޔަ އަހަރު ގްރޭޑް ތިނެއް އަދި ހައެއް ނިންމި ދަރިވަރުންނަށް އެ ގްރޭޑު ތަކުގެ މުގައްރަރުން ހާސިލުވާން ޖެހޭ މިންވަރު ހާސިލުވެފައި ވޭތޯ ދެނެގަތުމެވެ.

މިއަދު ރާއްޖޭގެ 112 ސްކޫލެއްގައި އިމްތިހާނު ކުރިއަށް ގެންދިޔަ އިރު، 5441 ކުދިން އިމްތިހާނުގައި ބައިވެރިވި ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

އެޑިއުކޭޝަނުން ބުނީ ތައުލީމީ ގޮތުން ދަރިވަރުންނަށް ހާސިލުވާ މިންވަރު ދެނެގަތުމުގެ އިތުރުން، އެ އިމްތިހާނުގެ ސަބަބުން ސަރުކާރުގެ ތައުލީމީ ސިޔާސަތުތައް ބައްޓަން ކުރުމަށާއި އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާ ކުރުމަށް ކުރަންވީ ކަންކަން ދެނެގަނެވޭނެ ކަމަށެވެ.

އޭގެ އިތުރުން، ދަރިވަރުންނާއި މުދައްރިސުންނާއި ސްކޫލުތަކުގެ މެނޭޖުމަންޓަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާސްތަކުގެ ޒަރިއްޔާއިން، ޕްރައިމަރީ މަރުޙަލާގައި ދަރިވަރުން ހާސިލުކުރާ ނަތީޖާތަކަށް އަސަރުކުރާ ސަބަބުތައް ދެނެގަތުމަށް ޓަކައި ވެސް މައުލޫމާތުތަކެއް، އެއްކުރެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ވެސް ވަނީ ގްރޭޑް ހަތަރެއ އަދި ހަތެއްގެ ދަރިވަރުންނަށް ނޭޝަނަލް އެސެސްމަންޓުގެ އިމްތިޙާނެއް ދީފަ އެވެ.

އެފަހަރު ދަރިވަރުން ޓެސްޓް ކުރެވުނީ ހިސާބާއި އިނގިރޭސި މާއްދާތަކުންނެ އެވެ. އެ ދެމާއްދާގެ ނަތީޖާތަކުގެ ރިޕޯޓު ލިޔެ އިއުލާނުކުރުމުގެ ތައްޔާރީތައް މިހާރު އަންނަނީ ކުރަމުންނެވެ.