12 Jul 2016, 15:52
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މި އަހަރުގެ ޑިސެމްބަރު މަހުގެ އުމްރާ ދަތުރުގެ އަގު ހެޔޮކޮށް އަންނަ އަހަރުގެ އުމްރާ ޕެކޭޖުތައް ތައާރަފުކޮށްފި އެވެ.
މި އަހަރުގެ ޑިސެމްބަރު މަހު ކުރާ 15 ދުވަހުގެ އުމްރާ ދަތުރުގެ އަގު މިހާރު ވަނީ 29،965 ރުފިޔާ އަށް ހެޔޮ ކޮށްފަ އެވެ. ކުރިން އެ ދަތުރުގެ އަގަކީ 34،965 ރުފިޔާ އެވެ.
އުމްރާ ދަތުރުގެ އަގު ހެޔޮ ކުރުމުގެ އިތުރުން ހައްޖު ކޯޕަރޭޝަނުން ވަނީ ހާއްސަ ޑިސްކައުންޓުތަކެއް ވެސް ތައާރަފުކޮށްފަ އެވެ. އެގޮތުން ހަތަރު މީހުންގެ ގްރޫޕެއް ނުވަތަ ހަތަރު މީހުންގެ އާއިލާއެއް ރަޖިސްޓްރީކުރާ ނަމަ ކޮންމެ މީހަކަށް 1000 ރުފިޔާގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ. އަދި 10 މީހުންގެ ގްރޫޕެއް ރަޖިސްޓްރީކޮށްދޭ ފަރާތަކަށް އުމްރާ އަގުގެ 50 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
އޭގެ އިތުރުން 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަރަށް ހާއްސަ ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.
އުމުރާ ދަތުރަށް ރަޖިސްޓްރީކޮށް ފައިސާ ދެއްކުމުގެ ފަހު ތާރީހަކީ އަންނަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އުމްރާ އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމާ އެކު 5000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ.
އަދި ބާކީ ބައި މަހުން މަމަށް ނުވަތަ ވަކި ވަކިން ބަހާލައިގެން ދެއްކޭނެ އެވެ.
މިއަދު އަލަށް ތައާރަފުކުރި އުމްރާ ޕެކޭޖުތަކުގައި ހިމެނެނީ އަންނަ އަހަރުގެ މާޗު މަހާއި ރަމަޟާން އުމްރާގެ ހާއްސަ ޕެކޭޖުތަކެވެ.
މާޗު މަހުގެ އުމްރާ އަކީ ސްކޫލް ބަންދުގައި ކުރަން ހަމަޖެހިފައިވާ 10 ދުވަހުގެ އުމްރާ ދަތުރެކެވެ. އެ ދަތުރުގެ އަގަކީ 25،965 ރުފިޔާ އެވެ. ރޯދަ މަހުގެ އުމްރާ ދަތުރުގެ އަގަކީ 39،965 ރުފިޔާ އެވެ. އެ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ފަހު 15 ގަ އެވެ.
އެ ދަތުރުތަކަށް ވެސް ހާއްސަ ޑިސްކައުންޓުތަކެއް ދިނުމަށް ނިންމާފައިވާ އިރު، އުމްރާ ދަތުރުތަކަށް ރަޖިސްޓްރީކޮށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.