މެރިން އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ 2016 ގެ އޮންލައިން މީޑިއާ ޕާޓްނަރުކަމަށް ސަން އޮންލައިން ހަމަޖައްސައިފި އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ މެރިން އިންޑަސްޓްރީގައި މަސައްކަތް ކުރާ ދިވެހި އަދި ބޭރުގެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް އެގްޒިބިޓް ކުރުމުގެ ބޭނުމުގައި ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ މައުރަޒެކެވެ. މިއީ އިކޮނޮމިކް މިނިސްޓްރީ، އެމްއެމްޕީއާރުސީ އަދި މޯލްޑިްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސްއިން އެންޑޯސް ކޮށްފައިވާ ހަރަކާތެކެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2016 އިންތިޒާމް ކުރާނީ މި އިވެންޓް އެންމެ ފުރަތަމަ 2014 ވަނަ އަހަރު ރާއްޖެ އަށް ތައާރަފު ކުރީއްސުރެ ކޮންމެ އަހަރަކު ވެސް އިންތިޒާމްކުރަމުން އަންނަ ފަރާތް ކަމަށްވާ ބްލަކް އިންނެވެ.

މި އަހަރުގެ މެރިން އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރު ކަމަށް ސަން އޮންލައިން ހަމަަޖައްސައި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުން އޮތީ މިއަދު މެންދުރު ބްލަކް ގެ ހެޑް އޮފީހުގަ އެވެ. ބްލަކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް އެވެ. ސަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕުގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒް ރަޝާދެވެ.

ބްލަކްގެ މެނޭޖިން ޑިރެކްޓަރ ހުޝާމް ވިދާޅުވީ، މި ހަރަކާތުގެ އޮންލައިން މީޑިއާ ޕާޓްނަރުކަމަށް "ސަން" ހަމަޖެއްސީ، މީގެ ކުރިންވެސް އެކުންފުނިން ސަންއާ އެކު މަސައްކަތް ކޮށްފައި ވާތީއާއި، "ސަން" އާ ބައިވެރިވެގެން މީގެ ކުރިން ބޭއްވި އިވެންޓުތަކުގެ ވަރަށް ރަނގަޅު ކަވަރޭޖެއް "ސަން" އިން ފޯރުކޮށްދީފައި ވާތީ ކަމަށެވެ.

"މީގެ ކުރިން ކޮންސިއުމާ ފެއާގައި ސަންއިން ވަނީ ބްލަކްއާ އެކު މަސައްކަތް ކޮށްފައި. އެފަހަރު ވެސް އިވެންޓަށާއި، އިވެންޓުގައި ބައިވެރިވި ވިޔަފާރިތަކުގެ އާ ޕްރޮޑަކްޓްތަކުގެ ލޯންޗުކުރުމާއި މިފަދަ ކަންކަމަށް ސަން އިން ވަރަށް ފުރިހަމަ، ރަނގަޅު ކަވަރޭޖެއް ދީފައި ވަނީ. މިފަދަ ސަބަބުތަކަށްޓަކައި މިފަހަރުގެ އިވެންޓަށް ވެސް ޕާޓްނަރެއްގެ ގޮތުގައި ސަން ހަމަޖެއްސީ،" ހުޝާމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ސަން މީޑިއާ ގްރޫޕުގެ ޖެނެރަލް މެނޭޖަރ މާކެޓިން އެންޑް ސޭލްސް މިންހާ ފާއިޒް ރަޝާދު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މީޑިއާގެ ހައިސިއްޔަތުން ބަލާއިރު ގައުމީ ފެންވަރުގައި ބާއްވާ މިފަދަ ބޮޑެތި އިންޓަނޭޝަނަލް އިވެންޓުތަކަށް އެކަށީގެންވާ ކަވަރޭޖެއް ދިނުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން މި އިވެންޓު އިންތިޒާމު ކުރައްވާ ބްލަކް ކުންފުންޏާ ގުޅިގެން މި ހަރަކާތުގެ އެންމެ ފުރިހަމަ މައުލޫމާތު ގެނެސްދިނުމަށް ކުރެވެން ހުރި ކަންކަން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް މިންހާ ވިދާޅުވި އެވެ.

"މެރިން އެކްސްޕޯގެ މީޑިއާ ޕާޓްނަރު ކަމަށް ހަމަޖެހިގެން ދިއުމަކީ ސަން އަށް ލިބުނު ބޮޑު އުފަލެއް. ކިޔުންތެރީންނާއި އިވެންޓްގެ ބައިވެރީން ހިތްހަމަ ޖެހޭ ފަދަ ފުރިހަމަ ކަވަރޭޖެއް ސަން އިން ގެނެސްދޭނެ،" މިންހާ ވިދާޅުވި އެވެ.

މީގެ އިތުރުން މިންހާ ވިދާޅުވީ މިހަރަކާތަކީ ބައިނަލްއަގުވާމީ އިވެންޓަކަށް ވެފައި، ސަން އޮންލައިންގެ އިނގިރޭސި އެޑިޝަނަކީ ރާއްޖޭގެ އެންމެ އަޕްޑޭޓް، އަދި އެންމެ މަގުބޫލު އިނގިރޭސި އޮންލައިނަށް ވުމުން، ބޭރު ދުނިޔެއަށް އިވެންޓު މާކެޓު ކުރުމުގައި "ސަން" އިން އަދާކުރާ ދައުރު ބޮޑުވާނެ ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އިވެންޓުގައި ބައިވެރިވާ ބޭރުގެ ފަރާތްތަކަށް އެންމެ އަޕްޑޭޓް މައުލޫމާތުތައް ލިބިގެން ދާނެ ކަމަށް މިންހާ ވިދާޅުވި އެވެ.

ދުނިޔޭގެ ވެބްސައިޓުތައް ރޭންކުކުރާ "އެލެކްސާ"ގެ ރިކޯޑުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ މީހުން ވަންނަ އޮންލައިން ނޫހަކީ ސަން އޮންލައިނެވެ. ދެވަނައަށް އެންމެ ގިނަ މީހުން ވަންނަ އޮންލައިން ނޫހަކީ އަވަސް އޮންލައިން އެވެ. މިހާރު ނޫސް ނުވަ ވަނައިގައި އޮތް އިރު "ވަގުތު" ނޫސް އޮތީ 14 ވަނައިގަ އެވެ.

މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން 30 ވަނަ ދުވަހަށް، ހުޅުމާލޭގަ އެވެ.