12 Jul 2016, 15:20
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޕޮލިސް ކްލަބު އަތުން ދިވެހި ސިފައިންގެ ކްލަބު މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުގައި ފުލުހުންގެ މައްޗަށް ސިފައިން ކުރި ހޯދީ 3-1 ސެޓުންނެވެ.
އިއްޔެ ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓު 25-19، 25-22 އިން ގެންދިޔައީ ސިފައިންނެވެ. ތިން ވަނަ ސެޓު 21-25 އިން ފުލުހުން ގެންދިޔަ ނަމަވެސް ފަހު ސެޓު 25-19 އިން ސިފައިން ވަނީ ގެންގޮސްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ އަހްމަދު ނަސީރެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ދެ މެޗެއް ރޭ ވެސް ކުރިއަށްދިޔަ އެވެ. ރޭ ކުޅުނު ފުރަތަމަ މެޗުގައި ސްޕޯޓްސް ކްލަބު ވިޝަން އަތުން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް މޯލްޑިވިއަން އިން ގެންދިޔައީ 25-13، 25-15 އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
ރޭ ކުޅުނު ފަހު މެޗުގައި ކިހަވަށް ވޯރިއާސް އަތުން ސްޕޯޓްސް ކްލަބު ސިޓީ ވަނީ 3-1 ސެޓުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ސްޕޯޓްސް ކްލަބު ސިޓީން ގެންދިޔައީ 25-21، 22-25، 25-18 އަދި 25-19 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕޯޓްސް ކްލަބު ސިޓީގެ އަހްމަދު އާރިޝް އެވެ.
ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ސްޕޯޓްސް ކްލަބު ހޯކްސް ބައްދަލުކުރާ އިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާއި އައިލެންޑް އޯޝަން ކްލަބެވެ.
ސަލްސާ އެސޯސިއޭޝަން ކަޕުގެ ކުޅުން މި މަހުގެ 10 އިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.