12 Jul 2016, 14:59
ހިތުގެ އާލާސްކަންފުޅެއްގައި ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިނިސްޓަރު ޒަމީރު މިއަދު ލަންކާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ އިރު އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށެވެ. މާދަމާ ޑޮކްޓަރަށް ދެއްކުމަށް ފަހު ބުރާސްފަތި ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރަށް ފަރުވާ ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ލަންކާ އިން އެހެން ގައުމަކަށް ފުރާވަޑައިގަތުމަށް ބަންޑާރަ ނައިކު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވަނިކޮށް މެއަށް ތަދެއް އެރުމާ ގުޅިގެންނެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު އެ ދުވަހު ވިދާޅުވީ މެއަށް ތަދުވާތީ އެންޖިއޯގްރާމް އެއް ހަދާފައިވާ ކަމަށާއި، މިނިސްޓަރު ޒަމީރުގެ މައި ލޭ ހޮޅީގެ 99 ޕަސެންޓު ބެދިފައިވާ ކަމަށް އެންޖިއޯގްރާމުން ދައްކާފައިވާ ކަމަށެވެ. މިހާރު ވަނީ އޮޕަރޭޝަން ކޮށްފަ އެވެ.
އެންޖިއޯ ޕްލާސްޓީއަކީ ހިތަށް ލޭ ފޮނުވައިދޭ ނާރުތައް ބެދުމުން، ނާރުތައް އަލުން ހުޅުވައި، ލޭ ދައުރުވާ ގޮތް ހެދުމަށް ކުރާ އޮޕަރޭޝަނެކެވެ.