އަންކަރާ(ޖުލައި 12): ތުރުކީއާ ގުޅުންތައް ގޯސްވެފައިވާ ހުރިހާ ގައުމުތަކާއެކު ގުޅުންތައް އަލުން ރަނގަނޅު ކުރަން ގަސްދުކުރާކަން އެގައުމުން ހާމަކޮށްފިއެވެ.

ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް ވިދާޅުވީ، ތުރުކީގެ ދާއިމީ ދުޝްމަނުން ނުތިބޭނެ ކަމަށާއި ބައެއްކަންކަމާ ގުޅިގެން ބައެއްގައުމުތަކާ ތުރުކީއާ ދެމެދު ގޯސްވެފައިވާ ގުޅުންތައް އަލުން ރަނގަނޅު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމުގައެވެ. މިގޮތުން އިރާގާއި ސޫރިޔާއާ އަދި މިސްރާއެކު ގުޅުންތައް ރަނގަނޅު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ޔެލްޑްރިމް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން އަލްޖަޒާއިރުން ގެންދަނީ ތުރުކީއާއި ސޫރިޔާއާ ގުޅުންތައް ރަނގަނޅު ކުރުމަށްޓަކައި މެދުވެރިއެއްގެ ބައި އަދާކުރަމުންނެވެ. އަދި ތުރުކީގެ މަސްއޫލުވެރިއަކުވަނީ ސޫރިޔާގެ މައްސަލަ ސިޔާސީ ގޮތުން ހައްލު ކުރުމަށްޓަކައި ސޫރިޔާގައި ގާއިމް ކުރުމަށް ވާހަކަ ދެކެވެމުންދާ އިންތިގާލީ މަރްޙަލާގައި ރައީސް ބައްޝާރުލްއަސަދު ވެރިކަމުގައި ހުންނެވުމަށް އެގައުމުން ތާއީދުކުރާނެކަން ހާމަކުރައްވާފައެވެ.

މީގެކުރިން ތުރުކީއަކީ ސޫރިޔާގެ ވެރިކަމުން ރައީސް ބައްޝާރުލްއަސަދު ދުރުކުރުން ނޫން އެހެންގޮތެއްނެތްކަމަށް ބުނެ ބާރަށް އަޑުއުފުލަމުން ގެންދިޔަ ގައުމެކެވެ.

ތުރުކީގެ މިހާރުގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް

އަދި ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީނާއި ފައިސާގެ އެހީއާއި ސިޔާސީ މަދަދުދޭ މަދު ގައުމުތަކުގެ ތެރޭގައިވެސް ތުރުކީ ހިމެނިފައިވެއެވެ. މި ގައުމުތަކުގެ ތެރޭގައި ތުރުކީގެ އިތުރުން ހިމެނެނީ އެމެރިކާއާއި ޔޫރަޕްގެ ބޮޑު ތިންބާރާއި ސައޫދީ އަރަބިޔާއާއި ގަތަރެވެ. މިގައުމުތަކުގެ ތެރެއިންވެސް ބައްޝާރުގެ ވެރިކަން ވައްޓާލުމަށް އެންމެ ފޯރި ހިފާފައިވަނީ ސައޫދީ އަރަބިޔާއާއި ގަތެރެވެ.

އެމެރިކާއާއި ޔޫރަޕްގެ ބޮޑު ތިންބާރުވެސް މިހާރުވަނީ ބައްޝާރުގެ ވެރިކަން ގަދަބާރުން ނުވެއްޓުމާ ގުޅިގެން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ކުރިން ގެންގުޅުނު ފޯރި ކުޑަކޮށްލާފައެވެ. އަދި ބައްޝާރުގެ ވެރިކަން ބާރުގެ ބޭނުންކޮށްގެން ވައްޓާލުމަށް ޓަކައި ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަތުމަށް ސައޫދީ އަރަބިޔާ އެދެމުންދިޔަ އެދުންތަކަށް އިޖާބަ ދިނުމަށް އެމެރިކާއާއި ޔޫރަޕްވެސްވަނީ ދެކޮޅު ހަދާފައެވެ.

ތުރުކީން ވަނީ އެގައުމާ ގުޅުންތައް ގޯސްވެފައިވާ ރަޝިޔާއާއެކުވެސް އަލުން ގުޅުންތައް ރަނގަނޅުކޮށް ރަޝިޔާގެ އަސްކަރީ ބޯޓު ވައްޓާލި މައްސަލާގައި ރަޝިޔާގެ ކިބައިން މައާފަށް އެދިފައެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ ހިފައިގެންދިޔަ ތުރުކީގެ އާގުބޯޓަކަށް އިސްރާއީލު ސިފައިން އަރައި ތުރުކީގެ ނުވަމީހުން މަރާލި މައްސަލަވެސް ހައްލުކޮށް ތުރުކީންވަނީ އިސްރާއީލާއެކުވެސް އަލުން ގުޅުންތައް ގާއިމްކޮށްފައެވެ.

ތުރުކީން އިސްރާއީލާއެކު ގުޅުންތައް އަލުން ގާއިމް ކުރުމުން ދެން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާއެކު ގުޅުންތައް ރަނގަނޅު ނުކުރަންވީ ސަބަބެއްނެތްކަމަށް ތުރުކީގެ ނޫސްތައްވެސް ބުނެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ޚާރިޖީ ކަންކަމުގައި ގެންގުޅުއްވި ހަރުކަށި އަދި ނޭއްގާނި ސިޔާސަތުތައްވަނީ މުޅިން ނާކާމިޔާބުވެ އަނެއްކޮޅަށް ޖެހިފައެވެ. މީގެތެރޭގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް ސައޫދީ އާއި ގަތަރާ ގުޅިގެން އުރުދުޣާން ކުރެއްވި މަސައްކަތްތައް ހިމެނެއެވެ.

މީގެއިތުރުން ބައްޝާރަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ނުސީދާގޮތެއްގައި ތުރުކީން ފޯރުކޮށްދިން އެހީތެރިކަމުގެ ނަތީޖާވެސް ދައްކާފައިވަނީ މުޅިން އިދިކޮޅަށެވެ.

އެދެޖަމާއަތާ ގުޅުމަށް އެކި ގައުމުތަކުން ޖިހާދުގެ ނަމުގައި ދާ ހަރުކަށި ވިސްނުމުގެ މީހުންތައް ސޫރިޔާއަށް ވަންނަނީ ތުރުކީގެ ތެރެއިން ލާފައި ކަމަށްވިޔަސް ވަރަށް ފަހަކާ ޖެހެންދެން ތުރުކީވަނީ މިކަމަށް އަޅާނުލައި ދޫކޮލާފައެވެ. ނަމަވެސް އެންމެފަހުން މިކަމުގެ ނަތީޖާއަކަށްވީ އައިއެސްގެ ޓެރަރިސްޓް ހަމަލާތަކުގެ ޝިކާރައަކަށް ސީދާ ތުރުކީ ވެގެންދިޔުމެވެ. މިހެންވުމާއެކު ތުރުކީވަނީ އައިއެސްއަށް އެހީތެރިވުން ހުއްޓާލުމަށްފަހު އެޖަމާއަތާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން ފަށާފައެވެ.

ސޫރިޔާ ސަރުކާރާ ގުޅުންތައް ރަނގަނޅު ކުރަން ފެށިކަން ތުރުކީ އިޢްލާން ކުރުމުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ސައޫދީ އާއި ގަތަރުގެ ފަޅި ވަރަށްބޮޑަށް ބަލިކަށިވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. ތުރުކީގެ ސިޔާސަތުތައް މިކަމުގައި ބަދަލުވުމުން ގަތަރާއި ސައޫދީއަށް އެކަން ކާމިޔާބު ވުމުގެ ފުރްސަތު ގެއްލިގެންދާނެކަމަށް މުރާސިލުން ލަފާކުރައްވައެވެ. (ނޫސްއެޖެންސީތައް)