މިނިވަން ދުވަހުގެ ރަސްމީ ހަފްލާއަށް ޖާފަތް ތައްޔާރުކުރުމަށް ހުށަހެޅި ރެސްޓޯރެންޓްތަކުގެ ތެރެއިން ނިއުޕޯޓަށް ދިނީ ޝަރުތުތައް ފުރިހަމަވެފައި ހުށަހެޅި އަގު ކުޑަވުމުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ބިޑަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށެވެ. އެހެންވެ އެފަހަރު ބިޑު އުވާލައި ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ތިން ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

ބިޑު ކާމިޔާބު ކުރުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ކާތަކެތި ތައްޔާރުކުރުމުގެ މާލީ ގާބިލުކަން ހުރުމާއި ތަޖުރިބާ ހުރުން ހިމެނެ އެވެ. ރައީސް އޮފީހުން ބުނީ ހަފްލާތަކަށް ޖާފަތް ތައްޔާރުކުރުމުގައި ނިއުޕޯޓުގެ ދެ އަހަރު ދުވަހުގެ ތަޖުރިބާ އެބަހުރި ކަމަށެވެ. އަދި ތައްޔާރުކޮށްދިން ތަންތަނުން ދީފައިވާ ކޮމެންޓަށް ބަލާއިރު ރަނގަޅުކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވޭތުވެ ދިޔަ އަހަރު މިނިވަން 50 ރަސްމީ ހަފްލާގެ ޖާފަތުގައި މައްސަލަތަކެއް ޖެހުމަކީ މިފަހަރު މައްސަލަ ޖެހޭނެ ސަބަބެއް ނޫން ކަމަށާއި އަދި މައްސަލަ ޖެހުނު ނަމަވެސް ބިޑަށް އެދި ކުރިމަތިލުމުން ބާކީކޮށް ނުލެވޭނެ ކަމަށެވެ. އަދި ބާކީ ކުރިޔަސް ދައުވާ ކުރުމުގެ ފުރުސަތު ނިއުޕޯޓަށް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖާފަތަށް 3000 މީހުންނަށް ޖާފަތް ތައްޔާރުކުރަން އެދިފައިވާ ކަމަށް ނިއުޕޯޓުވަނީ ބުނެފަ އެވެ. ރައީސް އޮފީހުން ބުނި ގޮތުން ނިއުޕޯޓުން ހުށަހަޅާފައި ވަނީ ބޮލަކަށް 79.30 ރުފިޔާ އެވެ. އެހެންކަމަށް ވާނަމަ އެއީ ޖުމްލަ 237،900 ރުފިޔާ އެވެ.

ރައީސް އޮފީހުން ބުނީ ޖާފަތަށް ތައްޔާރުކުރަން ހުށަހެޅި މެނޫގައި 15 ވައްތަރެއް ހިމެނޭ ކަމަށެވެ. އަދި ޖާފަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ނިއުޕޯޓުން ބުނެފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ނިއުޕޯޓުގެ ވެރިޔާ ޒާހިދު ރަމީޒު ވަނީ، މިނިވަން ދުވަހުގެ ރަސްމީ ހަފްލާގެ ޖާފަތް ތައްޔާރުކުރުމަށް ފުރުސަތު ލިބިފައިވާކަން ސަންއަށް ކަށަވަރުކޮށްދީފަ އެވެ. ޒާހިދަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްވެސްމެ އެވެ.

"މިފަހަރުގެ ޖާފަތަށް އެދި ކުރިމަތިލީ މީހުންގެ ތެރެއިން ބިޑް ކާމިޔާބުކޮށްގެން އަޅުގަނޑުމެންނަށް މިފަހަރު ވެސް ލިބުނީ މިނިވަން ދުވަހުގެ ޖާފަތް ތައްޔާރުކުރަން، 3000 މީހުންނަށް ތައްޔާރުކުރަނީ" ޒާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭރުގެ އިއްޒަތްތެރިންނާ އެކު ދަރުބާރުގޭގައި މިދިޔަ އަހަރު ބޭއްވި ރަސްމީ ޖާފަތާ މެދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އަދި އެ ޖާފަތަކީ "ވަަރަށް ފެންވަރުދަށް ޖާފަތެއް" ކަމަށާއި އުއްމީދުކުރެއްވި ގޮތް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރު އެމައްސަލަ ބެލުމަށް ފަހު އޭސީސީއިން ބުނެފައިވަނީ މިނިވަން 50ގެ ރިޔާސީ ޖާފަތް ތައްޔާރުކުރުމަށް ނިއުޕޯޓާ ހަވާލުކޮށްފައި ވަނީ އެތަނުގެ ފެންވަރު ނުބަލައި ކަމަށާއި ނިއުޕޯޓަކީ ބޮޑެތި ރަސްމިއްޔާތުތަކަށް ޖާފަތް ތައްޔާރުކުރެވޭ ވަރުގެ ތަޖުރިބާ ހުރި ތަނެއް ނޫން ކަމަށެވެ.

ނިއުޕޯޓާ ޖާފަތް ހަވާލުކޮށްފައި ވަނީ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އިސްވެހުރެގެން ކަމަށް ބުނެ އޭސީސީ އިން ވަނީ މުންދުގެ މައްޗަށް ދައުވާކުރަން ފޮނުވާފަ އެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މުންދުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފަ އެވެ.