މީރުބަހުރު ބަނދަރު ސަރަހައްދުގައި އެކޮމެޑޭޝަން ބުލޮކްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ސަން އަށް ވިދާޅުވީ މީރުބަހުރުވަ ބަނދަރު ސަރަހައްދުގައި ޓާމިނަލެއްހެން ހަދާފައިވާ ސަރަހައްދުގައި ހަތަރު ބުރިއަށް އެކޮމެޑޭޝަން ބުލޮކެއް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފަށައި މި އަހަރު ނިންމާލެވޭނެ ކަމަށެވެ.

"މާލޭގެ ބިމެއްގައި އެއްބުރިއަށް ތަނެއް ބެހެއްޓުމަކީ އިސްރާފެއް، އެހެންވީމާ ހަތަރު ބުރިއަށް މިތަންހަދާނީ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގައި އަޅާފައިވާ ބޯޓުތަކުގައި އުޅޭ ފަރާތްތަކާއި އެކޮމެޑޭޝަން ބޭނުންވާ ފަރާތްތަކަށް އެތަނުން އެކޮމެޑޭޝަންދޭނެ ކަމަށެވެ.

އެކޮމެޑޭޝަންގެ އިތުރުން މީރުބަހުރުވަ ބަނދަރުގެ ކެއިންބުއިމުގެ ހިދުމަތްދޭ ތަނެއް ވެސް ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.