12 Jul 2016, 13:29
މިނިވަން ދުވަހުގެ ރަސްމީ ހަފްލާއަށް ޖާފަތް ތައްޔާރުކުރުމަށް ހުށަހެޅި ރެސްޓޯރެންޓްތަކުގެ ތެރެއިން ބިޑް ކާމިޔާބުކޮށްގެން މިފަހަރުވެސް އެ ފުރުސަތު ނިއުޕޯޓަށް ލިބިއްޖެ އެވެ.
ނިއުޕޯޓުގެ ވެރިޔާ ޒާހިދު ރަމީޒު ވަނީ، މިނިވަން ދުވަހުގެ ރަސްމީ ހަފްލާގެ ޖާފަތް ތައްޔާރުކުރުމަށް ފުރުސަތު ލިބިފައިވާކަން ސަންއަށް ކަށަވަރުކޮށްދީފަ އެވެ. ޒާހިދަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްވެސްމެ އެވެ.
"މިފަހަރުގެ ޖާފަތަށް އެދި ކުރިމަތިލީ މީހުންގެ ތެރެއިން ބިޑް ކާމިޔާބުކޮށްގެން އަޅުގަނޑުމެންނަށް މިފަހަރުވެސް ލިބުނީ މިނިވަން ދުވަހުގެ ޖާފަތް ތައްޔާރުކުރަން، 3000 މީހުންނަށް ތައްޔާރުކުރަނީ" ޒާހިދު ވިދާޅުވި އެވެ.
މިދިޔަ އަހަރު މިނިވަން 50 ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަފްލާގައިވެސް ޖާފަތް ތައްޔާރުކުރީ ނިއުޕޯޓުންނެވެ. އެ ޖާފަތުގެ ފެންވަރު ދަށްވެގެން ގިނަ ބަޔަކު ޝަކުވާކޮށްފައިވެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭރުގެ އިއްޒަތްތެރިންނާ އެކު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖާފަތާ މެދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އަދި އެ ޖާފަތަކީ ވަަރަށް ފެންވަރުދަށް ޖާފަތެއް" ކަމަށާއި އުއްމީދުކުރެއްވި ގޮތް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ނިއުޕޯޓުން ބިޑު ކާމިޔާބު ކުރީ ވަރަށް ކުޑަ ރޭޓެއް ހުށަހަޅައިގެން ކަމަށެވެ. އެއީ ޖުމްލަ 3000 މީހުންނަށް ބޮލަކަށް 79.30 ރުފިޔާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނިއުޕޯޓަށް ޖާފަތް ތައްޔާރުކުރަން ދިނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު ކަމަށާއި ދެން ކުރިމަތިލީ ދެފަރަތާއި އަޅާ ބަލާއިރު ނިއުޕޯޓުން ހުށަހަޅާފައި ހުރިކަންކަން ރަނގަޅު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ އަހަރު އެމައްސަލަ ބެލުމަށްފަހު އޭސީސީއިން ބުނެފައިވަނީ މިނިވަން 50ގެ ރިޔާސީ ޖާފަތް ތައްޔާރުކުރުމަށް ނިއުޕޯޓާ ހަވާލުކޮށްފައި ވަނީ އެތަނުގެ ފެންވަރު ނުބަލައި ކަމަށާއި ނިއުޕޯޓަކީ ބޮޑެތި ރަސްމިއްޔާތުތަކަށް ޖާފަތް ތައްޔާރުކުރެވޭ ވަރުގެ ތަޖުރިބާ ހުރި ތަނެއް ނޫން ކަމަށެވެ.
ނިއުޕޯޓާ ޖާފަތް ހަވާލުކޮށްފައި ވަނީ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އިސްވެހުރެގެން ކަމަށް ބުނެ އޭސީސީ އިން ވަނީ މުންދުގެ މައްޗަށް ދައުވާކުރަން ފޮނުވާފަ އެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މުންދުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފަ އެވެ.