ޔޭޔޭ އައިޑިއާސް ކަޕް 2016 އަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ މުބާރާތް އިންތިޒާމުކުރާ ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން ބުނެފި އެވެ.

އައިޑިއާސް އިން މައުލޫމާތުދޭ ގޮތުގައި، މުބާރާތުގައި ބައިވެރިވާން އެދޭ ރާއްޖޭގެ އެކި ރަށްރަށުގެ ކްލަބު ޖަމިއްޔާތަކަށާއި މާލޭގެ އޮފީސް ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ވެއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އެ މުބާރާތުގައި 32 ޓީމު ބައިވެރި ކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް އައިޑިއާސް އިން ބުނެ އެވެ.

އައިޑިއާސް ކަޕުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރުމަށް ފަހު 4000 ރުފިޔާގެ ބައިވެރިވުމުގެ ފީ އާއެކު ހުށަހަޅަން ޖެހެ އެވެ. ފޯމުތައް އައިޑިއާސްއާ ހަވާލުކުރުމަށް ނުވަތަ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ، އައިޑިއާސްގެ ނަންބަރު 7791484، 7799484 އަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތުދެ އެވެ.

ކްލަބު ޖަމިއްޔާ އަދި އެކި ދާއިރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ބާއްވާ އެ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

މި އަހަރުގެ މުބާރާތަކީ ހަ ވަނަ އައިޑިއާސް ކަޕެވެ. ފާއިތުވެދިޔަ ފަސް އަހަރުގައި ވެސް މުބާރާތް ކުރިއަށް ގެންގޮސްފައިވާ އިރު، މި އަހަރުގެ މުބާރާތުގައި ފައިސާގެ އިނާމަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅި ނަމަވެސް، މި އަހަރުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައި ވަނީ 30،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ރަނަރަޕް ޓީމަށް މި އަހަރު ކަނޑައަޅާފައި ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ. ވަނަތަކަށް ހޮވޭ ކުޅުންތެރިންނަށް ޓްރޮފީއެއް ދިނުމަށް އައިޑިއާސް އިން ވަނީ ނިންމައިފަ އެވެ.

އައިޑިއާސް ކަޕުގެ މެއިން ސްޕޮންސަރަކީ މިދިޔަ އަހަރުގެ ވެސް ސްޕޮންސަރު ބީއެޗްއެމް ޓްރޭޑާސްގެ "ޔޭޔޭ" އެވެ. އެސޯސިއޭޓް ޕާޓްނަރަކަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން ހަމަޖައްސާފައިވާ އިރު، ސްޕޯޓްސް ޕާޓްނަރަކީ އޯލް ސްޕޯޓްސް އެވެ.