މި އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ރާއްޖޭގެ މިނިވަން ދުވަސް ކަމުގައިވާ 26 ޖުލައި އަދި ޖެހިގެން އަންނަ އެ މަހުގެ 27 ވަނަ ދުވަހަކީ ކޮންމެ އަހަރަކު ވެސް ރަސްމީ ބަންދު ދެ ދުވަހެވެ.

މި އަހަރުގެ ޖުލައި 26 އަދި 27 ވަނަ ދުވަސް ވަނީ އަންގާރަ އަދި ބުދަ ދުވަހަށެވެ. ޖުލައި 28 ވަނަ ދުވަހަކީ ސަރުކާރުގެ ރަސްމީ ދުވަހެއްގެ ގޮތުގައި އޮތް އިރު، ޖުލައި 29 އަދި 30 ވަނަ ދުވަހަކީ ހަފްތާ ބަންދު ދެ ދުވަހެވެ.

ރައީސް އޮފީހުން މިއަދު ނިންމީ ޖުލައި 28 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ. އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި 26 ޖުލައި ވަނަ ދުވަހު ސަރުކާރު ބަންދުވުމާ އެކު ބަންދުގެ ގޮތުގައި ފަސް ދުވަސް ލިބޭނެ އެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި މި ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ ޖުލައި 31 ވާ އާދީއްތަ ދުވަހު އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި 28 ޖުލައި ހަމަޖެއްސި ނަމަވެސް، އެ ދުވަހުގެ ބަދަލުގައި ރަސްމީ މަސައްކަތުގެ ދުވަހެއްގެ ގޮތުން ހަފްތާ ބަންދު ދުވަހެއް ނުނަގާނެ ކަމަށެވެ.

މީގެ ކުރިން ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ދުވަހުގެ ބަދަލުގައި ޖެހިގެން އަންނަ ހަފްތާގެ ހޮނިހިރު ދުވަހަކީ ރަސްމީ މަސައްކަތުގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އެބަ ހުއްޓެވެ.