މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ހިންގާނަމަ ހޯމް މިނިސްޓްރީއަށް އެންގުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

އެލްޖީއޭގެ ރަސްމީ ވެބްސައިޓުގައި އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ މިނިވަން ދުވަހާ ގުޅިގެން ކޮންމެ ރަށެއްގައިވެސް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ޖެހޭނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތު ބާއްވަންޖެހޭނީ 25 ވަނަ ދުވަހުގެރޭ ދިދަނެގުމުގެ ރަސްމިއްތާޔާތާ އެއްކޮށް ކަމަށްވެސް އެލްޖީއޭއިން ވަނީ ބުނެފަ އެވެ.

އެ ރަސްމިއްޔާތު ބޭއްވުމަށް ހޯމް މިނިސްޓްރީން މިހާރު ކައުންސިލުތަކުގައި އެދިފައިވާ ކަމަށާއި އެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ގައުމީ ސަލާމް ކިއުމަށް ހޯމް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

" މި ރަސްމިއްޔާތުގައި ކޮންމެ ރަށެއްގައި ވެސް ދިދަ ނަންގަވައިދެއްވާނީ އެރަށެއްގައި ހުންނަވާ ސަރުކާރުގެ އެންމެ އިސްވެރިއެއް،" އެލްޖީއޭއިން އާންމު ކުރި ލިޔުމުގައި ބުނެފައިވެ އެވެ.

"ދުވަހާ ގުޅޭގޮތުން އިތުރު ހަރަކާތްތަކެއް ބާއްވާނަމަ އެކަމެއްގެ މައުލޫމާތު ހޯމް މިނިސްޓްރީ އަށް ދެއްވުމަށް" އެލްޖީއޭއިން ވަނީ އަންގާފަ އެވެ. އަދި މިނިވަން ދުވަހުގެ ދިދަ ނެގުމުގަ ރަސްމިއްޔާތުގައި ބައިވެރިވި ސަރުކާރުގެ މުއައްސަސާތަކާއި ބައިވެރިންގެ އަދަދު އެނގޭނެގޮތަށް ރިޕޯޓެއް ތައްޔާރުކޮށް ފޮނުވައިދިނުމަށް ވެސް ކައުންސިލްތަކުގައި މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިނިވަންދުވަހާ ގުޅުވައިގެން މިއަހަރު މާލޭގައިވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.