12 Jul 2016, 12:44
ތިން މީހަކަށް ހައްގު ނޫން ވަޒީފާ ހަމަޖެއްސި ކަމުގެ ތުހުމަތުގައި ފެނަކަ ކޯޕަރޭޝަންގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް 2014 ވަނަ އަހަރު ހިންގުމާ ހަވާލުވެހުންނެވި ބޭފުޅާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ ގއ. ވިލިނގިލީ އިންޖީނުގެއަށް ގިނަ މުވައްޒަފުންތަކެއް ހޯދަން ބޭނުންވެގެން ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާނަކާ ގުޅިގެން ވަޒީފާއަށް އެދި ކުރިމަތިލި ގއ. ވިލިނގިލީގެ މީހާއަކީ އޯ-ލެވެލް ހަދާފައި ހުރި ފަރާތެއް ކަމަށާއި ނަމަވެސް އެ އިންޖީނުގެއަށް 12 ވަރަކަށް މުވައްޒަފުން 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ނެރެފައިވާ އިރު އެއީ އޯ-ލެވެލްވެސް ނަހަދާ ތިބި ބައެއް ކަމަށާއި އޭގެތެރޭގައި އެ އިންޖީނުގޭގެ ސައިޓް މެނޭޖަރެއް ވެސް ހިމެނޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު ކަމަށެވެ.
އޭސީސީ އިން ބުނީ ފެނަކަ ކޯޕަރޭޝަންގެ އިއުލާނަކާ ގުޅިގެން އެސިސްޓަންޓް މެނޭޖަރުގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ކިބައިގައި، އެ އިއުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުހަމަނުވި ނަމަވެސް، އެމަގާމަށް ކުރިމަތިލީ ހުރިހާ ފަރާތްތަކަކާ އިންޓަވިއުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ. އެސިސްޓަންޓް މެނޭޖަރުގެ މަގާމަށް ހޮވާފައިވާ ފަރާތުން ވަޒީފާ އަށް އެދި ހުށަހަޅާ ފޯމު ފިޔަވައި އެހެން އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާއިރު އެފަރާތަށް ޕޮއިންޓްދީ އެމަގާމަށް އޭނާ ހޮވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ އިއުލާނަކާ ގުޅިގެން ސުޕަވައިޒަރުގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ކިބައިގައި، އެ އިއުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުހަމަނުވި ނަމަވެސް، ސުޕަވައިޒަރުގެ މަގާމަށް ކުރިމަތިލި ހުރިހާ ފަރާތްތަކާ އިންޓަރވިއުކޮށްފައިވާ ކަމަށެވެ. އަދި ސުޕަވައިޒަރުގެ މަގާމަށް ހޮވާފައިވާ ފަރާތުން ވަޒީފާ އަށް އެދި ހުށަހަޅާ ފޯމު ފިޔަވައި އެހެން އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވި ނަމަވެސް ސުޕަވައިޒާގެ މަގާމަށް އެ ފަރާތް ހޮވަފައިވާކަން އެނގެން އޮންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ދެ އިއުލާނަކާ ގުޅިގެން ޓެކްނީޝަންގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަގާމުގެ ޝަރުތުހަމަނުވާ ފަރާތްތަކާ އިންޓަވިއުކޮށް އެފަރާތްތަކަށް ވަޒީފާދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.