12 Jul 2016, 12:14
ރާއްޖޭގައި ރައްޔިތުންގެ އަޑު ކަނޑުވާލައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ހަނި ކުރަމުންދާ ކަމަށް ބުނެ، އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށް ދިވެހި ސަރުކާރަށް އަންގައިދިނުމަށް އިދިކޮޅު އެމްޑީޕީ އިން ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފި އެވެ.
އެމްޑީޕީއިން އިއްޔެ އެ ޕާޓީގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހިނގާލުމެއް ބޭއްވުމަށް މަސައްކަތް ކުރި އިރު، ފުލުހުން ވަނީ އެ ހިނގާލުން މަގުތައް މަތީގައި ބޭއްވުމަށް ފުރުސަތު ނުދީފަ އެވެ. އެ ހިނގާލުމަށް ފުރުސަތު ނުލިބުނު ނަމަވެސް އެ ޕާޓީން ވަނީ މަޖީދީމަގުގައި އާޓިފިޝަލް ބީޗާ ދިމާލުގައި މަޑުކޮށްގެން ތިބެ، ޝުއޫރު ފާޅުކޮށްފަ އެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ ހިނގާލުމުގެ މާ ކުރިން ވެސް ސަރުކާރުން ވަނީ، އެމްޑީޕީގެ ހިނގާލުން ހަމަނުޖެހުމެއްގެ ގޮތުގައި ސިފަކޮށްފައި ކަމަށާއި ސޯޝަލް މީޑިއާގައި ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ފާޅު ކުރި ޝުއޫރުތަކުން އެކަން ހާމަވާ ކަމަށެވެ.
ގްރީން ޒޯނެއް ނޫން ކޮންމެ ސަރަހައްދަކަށް، ކުރިން ހުއްދައެއް ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އިރު، ދިވެހި ސަރުކާރުން ދަނީ "އާންމު މަސްލަހަތު ހިމާޔަތް ކުރުމުގެ" ނަމުގައި ކޮންމެ އެއްވުމެއް ވެސް ރޫޅާލަމުން ކަމަށް އެމްޑީޕީން ބުނެ އެވެ.
"އެއްވެ އުޅުމަކީ އަސާސީ ހައްގަކަށް ވާ އިރު އެ ހައްގު ދައުލަތަކަށް ނުހިފެހެއްޓޭނެ. ގާނޫނުގައި ބުނާ ގޮތުން ސުލްހަވެރި އެއްވުންތަކަށް ދައުލަތުގެ ފަރާތުން ރައްކާތެރިކަމާއި އެއްބާރުލުން ދޭން ޖެހޭނެ. އެމްޑީޕީ އިން ވަނީ ހިނގާލުން ބޭއްވުމުގެ ކުރިން ފުލުހުންނަށް އެ ކަމުގެ ނޯޓިސް ދީ، ހިނގާލުން ކުރިޔަށް ދާނެ ގޮތާއި ތަންތަނުގެ މައުލޫމާތު ވެސް ދީފައި،" އެމްޑީޕީން ބުންޏެވެ.
އެހެން ނަމަވެސް ސަރުކާރާއި ސަރުކާރާ ގުޅުންހުރި ފަރާތްތަކުން މަގުތަކުގައި އާންމު އެއްވުންތައް ބޭއްވުމުގެ ފުރުސަތު ލިބޭ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެ ބަޔާނުގައި އެމްޑީޕީގެ ބައިނަލްއަގުވާމީ ތަރުޖަމާނު ހާމިދު އަބްދުލްގަފޫރު ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ޑިމޮކްރެޓިކް ބެސްޓް ޕްރެކްޓިސްގެ ދަށުން އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ހާމިދު ވިދާޅުވީ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުން ފަދަ އެންމެ އަސާސީ ހައްގުތައް ރާއްޖޭގައި މިހާރު ދަނީ ނިގުޅައިގަންނަމުން ކަމަށާއި އެ ހައްގުތައް ހުރީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެހެންކަމުން އެ ހައްގުތައް ހޯދުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ހާމިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަން، ރައްޔިތުންގެ ބޭނުންތަކާއި އަޑުތައް ކަނޑުވާލުމަކީ ކަންކަން ވަރަށް ގޯސް ހިސާބަކަށް ދިއުންކަން ރައީސް ޔާމީންގެ ސަރުކާރަށް އަންގައިދިނުމުގައި އެހީތެރިވެދިނުމަށް،" ހާމިދު ވިދާޅުވި އެވެ.