ބްރެޒިލްގައި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ކުޅުނުތާ މިހާރު ދެއަހަރު ވީއެވެ. އެ މުބާރާތުގެ ހަނދާންތައް ގިނަ ބައެއްގެ ހިތުން އަދިވެސް ފިލައިގެން ނުދާނެއެވެ. އޭގެ ތޭރޭގައި އުފާވެރި ވަގުތުކޮޅުތަކާއި ހިތްދަތި އިހްސާސްތައް ހިމެނޭނެއެވެ.

ވޯލްޑް ކަޕް 2014ގައި މުޅި ބްރެޒިލް ހުއްޓުމަކަށް އައި ވަގުތުކޮޅެއް ދިޔައެވެ. އެއީ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކޮލަމްބިއާ އާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ކޮލަމްބިއާގެ ޑިފެންޑަރު ކެމިލޯ ޒުނިގާ، ބްރެޒިލްގެ ކެޕްޓަން ނޭމާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ނޭމާ އެ މެޗާ ވަކިވާން ޖެހުނު ވަގުތުކޮޅެވެ. އެއީ އެފަހަރުގެ މުބާރާތް ކާމިޔާބުކުރުމަށް ބްރެޒިލުން ދެކެމުން ދިޔަ ހުވަފެން ފުނޑުފުނޑުވާން ފެށި ހިސާބެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލާއި ކޮލަމްބިއާ ކުޅުނު ކުއާޓަރ ފައިނަލްގައި ބްރެޒިލްގެ ކެޕްޓަން ނޭމާގެ މައިބަދައަށް އަނިޔާ ލިބުނީ އޭނާ އަތުން ބޯޅަ ހޯދަން ކޮލަމްބިއާގެ ޑިފެންޑަރު ކެމިލޯ ޒުނިގާ މަސައްކަތްކުރުމުގެ ތެރޭގައި --

މުބާރާތަށް ކުރިމަތިލީއިރު ވެސް މުޅި ބްރެޒިލް ޓީމު އެ ކުޅުންތެރިއަކަށް ބަރޯސާވަމުން ދިޔަ ކުޅުންތެރިއަކީ ނޭމާއެވެ. އަދި މުބާރާތް ނިމިގެން ދިޔައިރު ވެސް މުޅި ބްރެޒިލް އެ ކުޅުންތެރިއަކަށް ޓަކައި ކަރުނަ އަޅަމުން ދިޔަ ކުޅުންތެރިޔަކީވެސް ނޭމާއެވެ. މައިބަދައަށް ލިބުނު ސީރިއަސް އަނިޔާއާއެކު އޭނާގެ ފުޓްބޯޅަ ކެރިއަރު އެއްކޮށް ނިންމާލަން ޖެހިދާނެކަމުގެ ބިރު އޭރު ހީވިކަމަށް ނޭމާ ބުންޏެވެ.

ލުއިޒް ފެލިޕޭ ސްކޮލާރީގެ ބްރެޒިލް ޓީމުން ކުއާޓާގައި ކޮލަމްބިއާގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރި ހޯދައި މުބާރާތުގެ ސެމީއަށް ދަތުރުކުރި ނަމަވެސް، އެފަހަރުގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގައި ބްރެޒިލް ވަނީ، ލަދުވެތިގޮތަކަށް ބަލިވެފައެވެ.

"އަހަރެންގެ ފުޓްބޯޅަ ހަޔާތުގައި ހިތާމަވެރި ވަގުތުތައް އައިސްފައިވޭ، އެހެންނަމަވެސް އޭގެ ތެރޭންވެސް އެންމެ ބޮޑަށް ބިރުގަތީ، ވޯލްޑް ކަޕް 2014ގައި ކޮލަމްބިއާ ދެކޮޅަށް ކުޅުނު މެޗުގައި،" އިޓަލީގެ ނޫހެއް ކަމަށްވާ ލަ ގެޒެޓާ ޑެލޯ ސްޕޯޓްސްއަށް ނޭމާ ބުންޏެވެ.

ނޭމާ ބުނީ، ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަކީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި އެހެން ނަމަވެސް، އެފަހަރު އޭނާގެ މައިބަދައަށް ލިބުނު އަނިޔާއާ އެކު އެ ހުވަފެންވެސް ފުނޑުފުނޑުވެގެން ދިޔައީ ކަަމަށެވެ. އަދި އަނިޔާގެ ސަބަބުން ފުޓްބޯޅަ ކުޅުން އެއްކޮށް ހުއްޓާލަން ނުޖެހުނީވެސް ކިރިޔާ ކަމަށް އޭނާ ބުންޏެވެ.

"އެއީ ހިތްދަތި ދުވަސްކޮޅެއް. އެހެންނަމަވެސް ނަސީބު ރަނގަޅުކަމުން އަހަރެންގެ މުޅި އާއިލާ އަހަރެން ކައިރީ ތިބި. އެފަދަ ހިތްދަތި ވަގުތު ތަކުގައި އާއިލާ މީހުންނާއި ހެޔޮ އެދޭ އަދި ލޯބިވާ ފަރާތްތަކުގެ އެހީތެރިކަން ލިބުމަކީ ވަރަށް މުހިއްމު ކަމެއް،" ބާސާއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ބުންޏެވެ.

ނޭމާއާ ނުލައި އަމިއްލަ ފަސްގަނޑުގައި ބްރެޒިލް ކުޅުނު ސެމީ ފަައިނަލް މެޗުގައި ޖަރުމަނުން ވަނީ ރަހްމެއް ހަމްދަރުދީއެއް ނެތި 7-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ބްރެޒިލް ބަލިކޮށްފައެވެ.

ނޭމާ ބުނީ، ކޮލަމްބިއާ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ފުޓްބޯޅައާ ވަކިވާން ޖެހިދާނޭކަމުގެ ބިރުހީވި ވަގުތަކީ ހަޔާތުގައި އެންމެ ހިތްދަތި ވަގުތުކޮޅު ކަމަށެވެ. އަދި އަނެއްކާވެސް ދުނިޔޭގެ ޗެމްޕިއަނުންނަށް ވާން ބްރެޒިލަށް ލިބުނު ފުރުސަތު ގެއްލުމުން ލިބުނު ހިތްދަތިކަން އަދިވެސް ހަނދާނުން ނުފިލާ ކަމަށެވެ.