12 Jul 2016, 11:48
ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުޅުން ފުރަތަމަ ފަހަރަށް ފެނުނު އިރު ވެސް އޭނާގެ ހުނަރުވެރިކަން ފެނުނު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރަޔަން ގިގްސް ބުނެފި އެވެ.
ޕޯޗުގަލްގެ ސްޕޯޓިންގާ ދެކޮޅަށް 2003 ވަނަ އަހަރު ޔުނައިޓެޑް ކުޅުނު އެކުވެރިކަމުގެ މެޗަކަށްފަހު، ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ސޮއިކޮށްފައެވެ. އެ މެޗުގައި އޭރު ރޮނާލްޑޯ ކުޅެފައިވަނީ ސްޕޯޓިންގް އަށެވެ.
"އެ މެޗުގައި ޖޯން އޯޝިއާ ކައިރީ ރޮނާލްޑޯ ހުނަރުތައް ދައްކާލި އިރު، އަހަރެންނަށް ހިނި އާދެވުނު. ރޯނާލްޑޯ ދެއްކި ކުޅުމާއެކު ކުޅުންތެރިން މުޅިން ވެސް ދެއްކީ އޭނާގެ ވާހަކަ. ކޯޗުގެ ނިންމުމަކަށް އަހަރެމެން އިންތިޒާރު ކުރަމުން ދަނިކޮށް، އެންމެ ފަހުން 13 މިލިއަން ޕައުންޑުގެ އަގަކަށް އޭނާ އަހަރެމެންނާ ގުޅުނު،"އައިޓީވީއަށް ދިން އިންޓަވިއުއެއްގައި ގިގްސް ބުންޏެވެ.
ރޮނާލްޑޯގެ ހުނަރު އެންމެ ފާހަގަކޮށްލެވުނީ ސްޕޯޓިންގުން 2003 ވަނަ އަހަރު ޔުނައިޓެޑާ ގުޅުމަށް ފަހު، އޭނާ ދެއްކި ކުޅުމާއެކު އެވެ. ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު 2009 ވަނަ އަހަރު ރެކޯޑު އަގަކަށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށް ފަހު ވެސް އޭނާ ދިޔައީ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ ވަނީ ދެވަނަ ފަހަރަށް ރެއާލްއާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދައިފައެވެ. އޭގެ ކުރިން އެއް ފަހަރު ޔުނައިޓެޑާއެކު ވެސް އޭނާ ޗެމްޕިއަންސް ލީގެއް ހޯދި އެވެ.
ފްރާންސްގައި ނިމިގެންދިޔަ ޔޫރޯ ޕޯޗުގަލަށް ކާމިޔާބު ކޮށްދިނުމުގައި ރޮނާލްޑޯގެ ދައުރު ފާހަގަކޮށްލެވެ އެވެ. އެއީ ޕޯޗުގަލް ގައުމީ ޓީމާއެކު ރޮނާލްޑޯ އަށް ހޯދުނު ފުރަތަމަ ކާމިޔާބެވެ. އަދި ބޮޑު މުބާރާތަކުން ޕޯޗުގަލަށް ހޯދުނު ފުރަތަމަ ކާމިޔާބަކީ ވެސް ޔޫރޯ 2016 އެވެ.