12 Jul 2016, 11:16
ވެސްޓް ހާމް ޔުނައިޓެޑް ފްރާންސް ތަރި ޑިމިޓްރީ ޕަޔެޓް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް އެ ކްލަބު ކޯ ޗެއާމަން ޑޭވިޑް ގޯލްޑް ބުނެފި އެވެ.
ފްރާންސްގައި ކުރިއަށް ދިޔަ ޔޫރޯގައި މޮޅު ކުޅުމެއް ދެއްކި ޕަޔެޓް ވަނީ އޭގެ ކުރިން މިދިޔަ ސީޒަނުގައި އިނގިރޭސި ކްލަބު ވެސްޓް ހާމްއާ އެކު ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ވެސްޓް ހާމް އަށް 12 ލަނޑު ކާމިޔާބުކޮށްދީ، 15 ލަނޑު ކާމިޔާބު ކުރުމަށް މަގުފަހުކޮށްދީފަ އެވެ.
އަމިއްލަ ގައުމުގައި ކުޅުނު ޔޫރޯގައި ޕަޔެޓް ވަނީ ފްރާންސަށް ތިން ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ފައިނަލުގައި ޕޯޗުގަލް އަތުން ފްރާންސް ބަލިވީ އިތުރު ވަގުތު ކުޅެގެން 1-0 ލަނޑުންނެވެ.
"އެފަދަ ބޮޑު ހުނަރުތަކެއް ހުރި ކުޅުންތެރިއެއް ގެންދަން ބޮޑެތި ކްލަބުތަކުން ބޭނުންވާނެ. އޭނާ ގެންދިއުމަށް 50 މިލިއަން ޕައުންޑަށް ވުރެ ދަށް އަދަދެއްގެ ހުށަހެޅުމަކާ އެކު މަޝްވަރާ ކުރަން އަޔަސް އަހަރެމެން އެ ވާހަކަތަކެއް އަޑެއް ނާހާނަން. އަދި އަހަރެމެން އޭނާ ކްލަބުގައި ބަހައްޓަން ވެސް ބޭނުން،" ބީބީސީ ރޭޑިއޯ ފައިވް ލައިވް އަށް ދިން އިންޓަވިއުއެއްގައި ގޯލްޑް ބުންޏެވެ.
ވެސްޓް ހާމްގެ ކޯ ޗެއާމަން ބުނީ، ޕަޔެޓް އަށް އަންނަ އެއްވެސް ހުށަހެޅުމަށް ގަބޫލުކުރަން ކްލަބުން ތައްޔާރުނުވާ ކަމަށާއި ޕަޔެޓް އަކީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށެވެ.
ޕަޔެޓް ހޯދުމަށް އިނގިރޭސި ކްލަބު ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އަދި ފްރާންސްގެ ޕެރިސް ސެއިން ޖާމެއިން (ޕީއެސްޖީ) އިން މަސައްކަތްކުރާ ކަމަށް ހަބަރުތައް ބުނެ އެވެ.