ކުޑަކުދިންނާ މެދު ހިންގާ ލާއިންސާނީ ޢަމަލުތައް އިތުރުވެފައިވާތީ އާއި އަދި ވިހެއުމަށް ފަހު އަނިޔާވެރިކޮށް ތުއްތު ކުދިންގެ ފުރާނަތައް ދުއްވާލުން އިތުރުވެފައިވާތީ ޖެންޑާ ޑިޕާޓްމަންޓުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޖެންޑާ ޑިޕާޓްމަންޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ އިންސާނަކަށް ވެސް ދިރިހުރުމުގެ ހައްގު ލިބިދީފައިވާ ކަމަށާއި އަމިއްލަ ޒާތުގައި ހިމާޔަތް ހޯދުމުގެ ގާބިލުކަން ލިބިގެންނުވާ ކުދިންނާ މެދު ރަހުމުކުޑަ ލާއިންސާނީ އިހާނެތި އަދި އަނިޔާވެރި ޢަމަލު ހިންގުމަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ އެތަކެއް ނިގުޅައި ގަނެ އިންސާނީ ކަރާމާތައް ގެއްލުން ދޭ ކަމެއް ކަމަށެވެ.

ޖެންޑާ އިން ބުނީ އެފަދަ ޢަމަލުތަކުގެ ސަބަބުން އިޖުތިމާއީ ތަފާތު މައްސަލަތައް ކުރިމަތިވެގެންދާނެ ކަމަށެވެ. ޖެންޑާ ޑިޕާޓްމަންޓުން ވަނީ އެފަދަ ޢަމަލުތައް ހުއްޓާލުމަށާއި އެފަދަ ޢަމަލުތައް ހިންގުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފަ އެވެ.

ފަހަކަށް އައިސް ވިހާފައި މަރާލާފައި އެއްލާލާ ކުދިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިއަދު ހެނދުނު ހުޅުމާލޭ ޕާކުތެރެއިން ފެނުނު ނުވަ މަހުގެ ފިރިހެން ކުއްޖާ އާއި އެއް ދުވަސް ކުރިން ވިލިމާލޭ ވަލުތެރެ އަށް ކޯސްޓް ދަޅަކަށް ލައި އެއްލާލައިފައި އޮތް، ހަ މަހުގެ ކުއްޖަކު ވަނީ ފެނިފަ އެވެ. އަދި މީގެ ދެ ހަފްތާ ކުރިން ވަނީ ދުވަސް ނުފުރާ ވިހައިފައިވާ ކަމަށް ބެލެވޭ ތުއްތު އަންހެންކުއްޖަކު ޓްރެކް ސަރަހައްދުން އަނިޔާތަކަކާ އެކު މަރުވެފައި އޮއްވައި ފެނިފަ އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރޔު މަހުގެ ތެރޭގައި ފޫޅުދަނޑިއާ އެކު ހުޅުމާލޭ އަތިރިމައްޗަށް އެއްލާލާފައި އޮތް އަންހެން ކުއްޖަކު ދިރި އޮއްވައި ވަނީ ފެނިފަ އެވެ.
އެކުއްޖާ މިހާރު ވަނީ އާއިލާ އަކާ ހަވާލުކޮށްފަ އެވެ.