12 Jul 2016, 10:39
މާލޭ ސިޓީ ސާފުކުރުމުގެ މަގުސަދުގައި ސަމާސެޓް ހޮޓެލް އަދި ކެތޭ ޕެސިފިކް ގުޅިގެން ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އަމިއްލަ ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ސުކޫލްތަކާއި އަދި ޖުމްލަކޮށް އެންމެހާ ފަރާތްތަކަށް ބައިވެރިވޭ އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ ޖުލައި މަހުގެ 29 ވާ ހުކުރު ދުވަހު އެވެ.
ކެމްޕޭނު އިންތިޒާމު ކުރާ ސަމާސެޓް ހޮޓެލްގެ ފަރާތުން މިއަދު ބުނީ އެ ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކުރުވުމަށް، ހަރަކާތް ކުރިއަށް ގެންދާނީ މުބާރާތެއްގެ ސިފައިގައި ކަމަށެވެ.
އަދި އެ ހަރަކާތުގައި ބައިވެރިވާ ޓީމުތަކުން އެންމެ ގިނަ އަދަދަކަށް ކުނި އެއްކުރެވޭ ޓީމަކަށް ނުވަތަ ފަރާތަކަށް އަގުބޮޑު އިނާމުތަކެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.
މުބާރާތުން އެއް ވަނަ އަށް އަންނަ ފަރާތަކަށް ކެތޭ ޕެސިފިކް އެއާލައިނުން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން ކޮންމެވެސް އެއް މަންޒިލަކަށް ދެ އެއާޓިކެޓް ވަނީ ހުށަހަޅައިފަ އެވެ. އެހެނިހެން އިނާމުތަކުގެ ތެރޭގައި އަދާރަންގެ ރިސޯޓެއްގެ ވޯޓާ ވިލާގައި ދެ މީހަކަށް، ދެ ދުވަހުގެ ހުރުން ލިބޭ އިރު، ޓީއެފްޖީއިން އެއް ފަރާތަކަށް ހަ މަސް ދުވަހުގެ ޖިމް މެމްބަޝިޕް ހިލޭ ފޯރުކޮށްދޭން ވަނީ ނިންމައިފަ އެވެ.
އޭގެ އިތުރުން ވެސް މުބާރާތައް ގިނަ ފަރާތްތަކުން ސޮޕޮންސަރުގެ ގޮތުގައި އެކިއެކި އެހީތެރިކަން ލިބިފައިވާ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފަ އެވެ.