މާލޭ މަގުތަކުގެ ޓުރެފިކް ނިޝާންތައް ރީނދޫ ކުލައިން ހުދު ކުލައަށް ބަދަލުކުރަނީ ބައިނަލްއަގުވާމީ އުސޫލްތަކަށް ފައްތަން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު ހުސެއިން މިއަދު ސަން އަށް ވިދާޅުވީ މަގުތަކުގައި ކުރަހާފައިވާ ހުރިހާ ޓުރެފިކް ނިޝާންތަކެއް ހުދު ކުލައަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި އެކަން ކުރަނީ "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" އަށް ބަދަލުކުރުމުގެ ގޮތުން ކަމަށެވެ.

ހައުސިން މިނިސްޓްރީން މިހާރު ދަނީ މާލޭގެ މަގުތަކުގައި ރީނދޫކުލައިން ކުރަހާފައިވާ ޓުރެފިކް ނިޝާންތައް ހުދުކުލައަށް ބަދަލު ކުރަމުންނެވެ. ގިނަ ސަރަހައްދުތަކަކުން މިހާރު ވަނީ ބަދަލުކޮށް ނިންމައިފަ އެވެ.

ފުލުހުންގެ ޓުރެފިކް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެއީ ހައުސިން މިނިސްޓްރީ އަށް ފެނިގެން އެބޭފުޅުން ކުރާކަމެއް ކަމަށާއި ފުލުހުންގެ ދައުރެއް އެކަމުގައި ނެތް ކަމަށެވެ.

މަގުމަތީގައި ކުރަހާފައި ހުންނަ ޓުރެފިކް ނިޝާންތަކަށް ގައުމުތަކުގައި އާންމުކޮށް ބޭނުންކުރަނީ ހުދުކުލައާއި ރީނދޫކުލަ އެވެ. މީގެ ކުރިން ރާއްޖޭގައި މުޅިންހެން ކަހަލަ ގޮތަކަށް ބޭނުންކުރީ ރީނދޫ ކުލަ އެވެ.