މޯލްޑިވްސް ޑިމޮކުރަޓިކް ޕާޓީ(އެމްޑީޕީ)އަށް 11 އަހަރު ފުރުން ފާހަގަކުރުން ފާހަގަކުރުމަށް ބޭއްވި ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުން ކުރިއަށް ނުދެވޭ ގޮތަށް ފުލުހުން ހުރަސް އަޅައިފި އެވެ.

އެ އެއްވުން ބާއްވާނެކަން އެތައް ދުވަހެއް ކުރިން އިއުލާންކޮށް މިރޭ 9:15 ކަންހާއިރު އެމްޑީޕީ ހަރުގެ ކުރިމަތިން ފެށިއިރު ފުލުހުން ވަނީ މަޖީދީމަގު ކުރީގެ އުރީދޫ އޮފީސް ކައިރިން ހިނގާލުމުގެ ބައިވެރިން ހުއްޓުވާފަ އެވެ.

އެއާއެކު ދެން ފެނިގެން ދިޔައީ ސަރުކާރަށް ފާޑުކިޔުންތައް ކިޔަންފެށިތަނެވެ. ހަމަނުޖެހުުމެއް ނުހިނގައެވެ. މީހަކު ހައްޔަރެއް ވެސް ނުކުރެއެވެ.

އެމްޑީޕީގެ އެހެން އެއްވުންތަކާ އަޅާބަލާއިރު މިރޭގެ އެއްވުމުގައި ބައިމަދުއިރު އެއްވުން ނިންމާލަން ބުނި ވަގުތަށްވުރެ އެތައް ވަގުތެއް ކުރިން ވަނީ ނިންމާލާފައެވެ.

މިރޭ އެއްވުމުގައި އިސްކޮށް އުޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި މަޖިލިސް ބައެއް މެމްބަރުންނެވެ.

ފުލުހުން ވަނީ އެއެއްވުން ނުބޭއްވޭނެކަން ކުރިން އަންގާފަ އެވެ. މަގުމަތީގައި ސިޔާސީ ހަރަކާތްތައް ހިންގުން މަނާކޮށްފައި ވަނީ މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި، ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން ހިނގާ ބިނގާވާ މީހުންނާއި ޒަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނާއި މަގުމަތީގައި ކުރެވޭ ދަތުރުތައް ހުއްޓި އެތައް ބައެއްގެ ހައްގުތައް އޭގެ ސަބަބުން ގެއްލިގެންދާތީ ކަމަށް ފުލުހުން ބުންޏެވެ.