11 Jul 2016, 23:57
ހދ. ކުޅުދުއްފުށީގައި ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި އެކުއްޖާގެ މަންމައާއި، އެކުއްޖާއާ އެކު ބަދުއަޚުލާގީ އަމަލު ހިންގި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރ އިސްމާއިލް އަލީ "ސަން" އަށް ވިދާޅުވީ އިތުބާރުހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ކުޅުދުއްފުށިން ހައްޔަރު ކުރީ 40 އަހަރުގެ އަންހެނަކާއި 51 އަހަރުގެ ފިރިހެނެއް ކަމަށެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި 40 އަހަރުގެ އަންހެން މީހާއަކީ ކުޑަކުއްޖާގެ މަންމަ އެވެ. އަދި ހައްޔަރުކުރި ފިރިހެން މީހާއަކީ، ކުއްޖާގެ މަންމަ ގަދަކަމުން އެކުއްޖާ ލައްވާ ހަށި ވިއްކުވި ފިރިހެނެކެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން ފިރިހެން މީހާ ހައްޔަރުކޮށް، ޖުލައި ހަވަނަ ދުވަހު ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. އަދި އަންހެން މީހާ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައި ވަނީ އިއްޔެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.