ވިހެއުމަށްފަހު ރަހުމްކުޑަ ގޮތަކަށް އެއްލާލާ ތުއްތު ކުދިންގެ، މައްސަލަތަކުގައި އިހުމާލުނުވެ، ބާރުމިނުގައި ތަހުގީގުތައް ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ގޮވާލައިފި އެވެ.

ވިހެއުމަށްފަހު، ނުވަތަ އެބޯޝަން ހަދައިގެން ކުދިން ވައްޓާލުމަށްފަހު ރަހުމްކުޑަ ގޮތަކަށް ތުއްތު ކުދިންގެ ފުރާނަނެތް ހަށިގަނޑު އެއްލައިލުން އާންމުވަމުންދާތީ އެކަން ކުށްވެރިކޮށް، އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އެފަދަ ކުށްތައް ހުއްޓުވަން، އިހްމާލުވުމެއްނެތި ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ފުލުހުންގެ އިދާރާގައި އެދޭ ކަމަށާއި އެފަދަ ކަންތަތައްތަކުގައި މިނިސްޓްރީން އެއްބާރުލުން އަބަދުވެސް ފުލުހުންނަށް ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބާރުއަޅަނީ، އަދި އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ ގޮތުގައި ފުލުހުން މިކަމުގައި ފަހަތަކަށް ވެސް ނުޖެހޭނެ. ފުލުހުންގެ އިދާރާއިން އިހުމާލުވުމެއްނެތި، ބާރުމިނެއްގައި ކުރިއަށް ގެންދިއުމަށް އެދެނީ،" ޑރ. މަޖީދު މިއަދު ވިދާޅުވި އެވެ.

ޖިންސީ އެދުންތައް ނަހަމަގޮތުގައި ބޭނުންކޮށް ނުބައި އަމަލުތަކަށް މުޖުތަމައުމުގެ ބައެއް މީހުން އަރައި ގަންނަ ސަބަބުތަކާ ގުޅޭ ގޮތުން ޑރ. މަޖީދު ވިދާޅުވީ އެފަދަ ކުށްތަކަށް އަރައި ގަންނަނީ ދީނީ އަގީދާގެ ބަލިކަށި ކަމުން ކަމަށެވެ. އަދި އެމީހެއްގެ އަމަލުތަކަށް އާހިރަތުގައި ޖަބާރުދާރީވާން ޖެހޭނެ ދުވަސް ހަނދާން ނަންތާލުމަކީ އެންމެ ބޮޑު މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމުގައި ހުރި ނުބައިކަން އަޅުގަނޑުމެންނަށް ނުވިސްނެނީ. އަގީދާގެ ބަލިކަށިކަމާއި ތިމާ ކުރާ ކަންތައްތަކަށް ޖަވާބުދާރީވާންޖެހޭނެ ދުވަސް އަންނާނެ ކަމާއި އެހެންވީމާ ސީދާ މީހުން މެރުމަށްވުރެ ބޮޑަށް ތިމާ ކުރާ ކަންތައްތަކަށް ޖަވާބުދާރީވާންޖެހޭނެ ކަން ނޭނގޭތީ އެއީ އެންމެ ބޮޑު މައްސަލައަކަށް ފާހަގަ ކުރެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ތުއްތު ކުދިން މަރާލުމަށްފަހު އެކި ތަންތަނަށް އެއްލައިލަމުންދާ މައްސަލަ ބާރުމިނެއްގައި ތަހުގީގު ކުރުމަށް ޑރ. މަޖީދު މިއަދު ގޮވާލެއްވި އިރު، ބަނޑަށް ނުވަ މަހުގެ އެބޯޓު ކޮށްލާފައިވާ ތުއްތު ފިރިހެން ކުއްޖަކު ހުޅުމާލޭ ޕާކުތެރެއިން މިއަދު ފެނިފައިވެ އެވެ. އަދި މީގެ އެއް ދުވަސް ކުރިން ބަނޑަށް ހަ މަހުގެ ކުއްޖަކު އެ ބޯޓުކޮށްލާ ވިލިމާލޭ ވަލުތެރޭގައި ކޯސްޓް ކިރު ދަޅަކަށް ލައި އެއްލާލައިފައި އޮއްވައި ވަނީ ފެނިފަ އެވެ. އަދި މީގެ ދެ ހަފްތާ ކުރިން ވަނީ ދުވަސް ނުފުރާ ވިހައިފައިވާ ކަމަށް ބެލެވޭ ތުއްތު އަންހެންކުއްޖަކު ޓްރެކް ސަރަހައްދުން އަނިޔާ ތަކަކާ އެކު މަރުވެފައި އޮއްވާ ފެނިފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު ތެރޭ ފޫޅުދަނޑިއާ އެކު ހުޅުމާލޭ އަތިރިމައްޗަށް އެއްލާލާފައި އޮތް އަންހެން ކުއްޖަކު ދިރި އޮއްވާ ވެސް ވަނީ ފެނިފަ އެވެ.