މާދަމާ ވެސް ސަރުކާރާ ހަވާލުވެ، ފުލުހުންގެ ވެރިންގެ ގޮތުގައި އަންނަން ތިބި ބަޔަކީ އިދިކޮޅު ފަރާތްތައް ކަމުން، އިދިކޮޅު ފަރާތްތަކަކީ ދުޝްމަނުން ކަމުގައި ފުލުހުން ދެކިގެން ނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ސަރުކާރުގެ އެންވާރަމެންޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމް ފުލުހުންނަށް "އިންޒާރެއް" ދެއްވައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި މިރޭ މާލޭގައި ބާއްވަން އުޅުނު ހިނގާލުން ބޭއްވުމަށް ފުލުހުން ހުރަސް އެޅުމުގެ ސަބަބުން، އެ ޕާޓީގެ މެމްބަރުން ވަނީ މަޖީދީމަގުގެ އިރުމަތީ ކޮޅުގައި އެއްވުމެއް ބާއްވައިފަ އެވެ.

އެމްޑީޕީން މިރޭ އެއްވުމެއް ބާއްވާނެ ވާހަކަ އެމްޑީޕީގެ ފަރާތުން ފުލުހުންނަށް މީގެ ކުރިން ހިއްސާ ކުރި ނަމަވެސް، ފުލުހުން ވަނީ އެކަން ކުރަން ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.

މިރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ސަރުކާރުގައި ހައުސިން އެންޑް އެންވާރަމެންޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމް ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ ގައުމުގެ ދުޝްމަނުންގެ ގޮތުގައި ފުލުހުން އެއްގޮތަކަށް ވެސް ދެކިގެން ނުވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި ވެރިކަން ކުރާ ބަޔަކާއި އިދިކޮޅު ބަޔަކު އަދިވެސް ތިބޭނެ ކަމަށެވެ.

"ފުލުހުންނާ ސިފައިން ގަބޫލުކުރަންޖެހޭ ހަގީގަތަކީ އިދިކޮޅު ޕާޓީތަކަކީ މާދަމާ ވެސް ސަރުކާރާ ހަވާލުވާން ތިބި މީހުން ކަން. އެ މީހުންނަކީ ގައުމުގެ ދުޝްމަނުންގެ ގޮތުގައި ދެކެން ފެށުމަކީ ރާއްޖެއަށް އެންމެ ހަމަޖެހުން އޮތް ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ހިނގާލުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ދެއްކި ސަބަބަކީ އާންމު ރައްޔިތުންނަށާއި ޓްރެފިކަށް އުނދަގޫވުމެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީން ސިޔާސީ ހަރަކާތް ހިންގަން އުޅެނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތް ހިންގަން ޖާގަ ދޭންޖެހޭ. ތިބޭފުޅުންނަށް ވިދާޅެއް ނުވެވޭނެ ގާނޫނު އަސާސީން ލިބިފައިވާ ހައްގުތައް ހަނި ކުރެވޭނެކަން ދެކިގެން ނުވާނެ. ދެކިގެން ނުވާނެ އަޅުގަނޑުމެންނަށް މަގުމަތީގައި ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަކަށް،" އަސްލަމް ވިދާޅުވި އެވެ.