އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު މިރޭ ވިދާޅުވީ ޝިފާޒު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ މިރޭ އެޕާޓީން ބާއްވާ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށް ގެއިން ނުކުމެ ވަޑައިގަންނަވަނިކޮށް ފުލުހުންގެ ވެހިކަލެއްގައި ކަމަށެވެ.

ނިޔާޒު ވިދާޅުވީ ހިނގާލުމާ ގުޅޭ ކަމެއްގައި ޝިފާޒު ފުލުސް އޮފީހަށް ހާޒިރުކުރަން ނުޖެހޭނެ ކަމަށެވެ. ސަބަބަކީ ހިނގާލުމާ ގުޅޭގޮތުން ފުލުހުންނާ ޕާޓީގެ ފަރާތުން ވާހަކަދައްކަވާނީ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުކަން ފުލުހުންނަށް އެމްޑީޕީން އަންގާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިރޭ ސަން އަށް ވިދާޅުވީ ޝިފާޒު ފުލުސް އޮފީހަށް ހާޒިރުކުރީ މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

"ޝިފާޒު ހާޒިރުކުރީ މައުލޫމާތު ސާފުކުރަން. އޭނާ ހައްޔަރެއް ނުކުރޭ،" އިސްމާއީލް ވިދާޅުވި އެވެ.