ގަތަރު އެއާވޭސް އަށް 2016 ވަނަ އަހަރުގެ މާލީ އަހަރު ސާފު ފައިދާގެ ގޮތުގައި 439.4 މިލިޔަން ޑޮލަރު ލިބިއްޖެ އެވެ.

ގަތަރު އެއާވޭސްގެ 2016 ވަނަ އަހަރުގެ ފިސްކަލް އިޔާ ނުވަތަ މާލީ އަހަރު ނިމިފައި ވަނީ ނިމިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހަށެވެ.

އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ 2016 ވަނަ އަހަރުގެ މާލީ އަހަރު ނިމުނު އިރު ލިބުނީ، 2015 ވަނަ އަހަރުގެ މާލީ އަހަރުގެ ތެރޭގައި ލިބުނު އޮޕަރޭޓިން ޕްރޮފިޓުގެ ތިން ގުނަ އިތުރު އަދަދެއް ކަމަށެވެ.

އެގޮތުން ނިމިދިޔަ މާލީ އަހަރު އޮޕަރޭޓިން ޕްރޮފިޓުގެ 800 މިލިޔަން ޑޮލަރު (ތިން ބިލިޔަން ގަތަރީ ރިޔާލް) ގަތަރު އެއާވޭސް އަށް ލިބުނު އިރު 2015 ވަނަ އަހަރުގެ މާލީ އަހަރު އެ އެއާލައިނަށް ލިބުނީ 302 މިލިޔަން ޑޮލަރު (1.1 ބިލިޔަން ގަތަރީ ރިޔާލް) އެވެ.

ގަތަރު އެއާވޭސްގެ 2016 ވަނަ އަހަރުގެ މާލީ އަހަރުގެ ފައިނޭންޝަލް ސްޓޭޓްމެންޓު ބުނާ ގޮތުން، އާމްދަނީގެ ގޮތުގައި 35 ބިލިޔަން ގަތަރީ ރިޔާލު (9.6 ބިލިޔަން ޑޮލަރު) އެކުންފުންޏަށް ލިބިފައި ވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 1.6 ބިލިޔަން ގަތަރީ ރިޔާލު (439.4 މިލިޔަން ޑޮލަރު) ލިބިފައި ވެ އެވެ.

ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބަކުރު ވިދާޅުވީ އެއާލައިން އިންޑަސްޓްރީގެ އެންމެ ކުރީގައި ގަތަރު އެއާވޭސް ގުނާލެވެމުންދާ އިރު 2016 ވަނަ އަހަރުގެ މާލީ އަހަރަކީ ގަތަރު އެއާވޭސްއަށް އެންމެ ފައިދާވި އަހަރު ކަމަށެވެ.

"މި ނަތީޖާތަކުން ދައްކައިދެނީ އަޅުގަނޑުމެންގެ އެއާލައިނާއި ބްރޭންޑުތަކުގައި މަސައްކަތްކުރާ 39،000 މުވައްޒަފުންގެ އަޚުލާގާއި މަސައްކަތް،" އޭނާ ވިދާޅުވި އެވެ.