އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން އިސްތިއުފާ ދެއްވުމާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އިނގިރޭސި ސަރުކާރުގެ ހޯމް ސެކްރެޓަރީ ތެރީސާ މޭ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މިއީ އިނގިރޭސި "ދަގަނޑު އަންހެނާ" މާގަރެޓް ތެޗާއަށް ފަހު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އަންހެން ބޭކަނބަލު އަންނަ ފުރަތަމަ ފަހަރެވެ. މާގަރެޓް ތެޗާ ބޮޑުވަޒީރުކަން ކުރެއްވީ 1979 ވަނަ އަހަރުން 1990 ވަނަ އަހަރުގެ ނިޔަލަށެވެ.

ކެމެރަން މިއަދުގެ ވަގުތެއްގައި ތެރީސާއަށް ފޯނު ކުރައްވައި، މަރުހަބާ ވިދާޅުވެފައި ވެ އެވެ. އަދި ތެރީސާއާ މަގާމު ހަވާލުކުރުމާ ބެހޭގޮތުން ކެމެރަން މިއަދު ބަޔާނެއް ދެއްވުމަށް ހަމަޖެހިފައި ވެ އެވެ.

ކެމެރަންގެ ބޮޑުވަޒީރުކަމުގެ ހައިސިއްޔަތުން އިނގިރޭސި ޕާލަމެންޓުގައި އެންމެ ފަހު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނީ ބުދަ ދުވަހު އެވެ. އެ ޖަލްސާގައި ބޮޑުވަޒީރުގެ ހައިސިއްޔަތުން މެމްބަރުންގެ އެންމެ ސުވާލުތަކަށް ފަހު ފަހަރު ޖަވާބު ދެއްވުމަށްފަހު، ރާނީ އެލިޒަބެތަށް ކެމެރަން އިސްތިއުފާ ހުށަހަޅުއްވާނެ އެވެ.

ކެމެރަން އިނގިރޭސި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ނިންމީ، ވިލާތުގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވުމަށް ނިންމި މައްސަލާގައި ރައްޔިތުންގެ ނިންމުމަށް އިހްތިރާމު ކުރުމުގެ ގޮތުންނެވެ. ކެމެރަންއަކީ އިނގިރޭސިން އީޔޫއިން ވަކިވުމާ ދެކޮޅަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އިނގިރޭސި ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ދެއްކި ގޮތުން މެޖޯރިޓީ ވޯޓު ލިބުނީ އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށެވެ.

އިނގިރޭސި ބޮޑުވަޒީރުކަމުން ކެމެރަން މާދަމާ ނޫން އަނެއް ދުވަހު ވަކިވާ އިރު އެ މަގާމަށް ވަޑައިގަންނަވާ ތެރީސާ މޭ އިނގިރޭސި ޕާލަމެންޓަށް އެންމެ ފުރަތަމަ ފަހަރަށް ހޮވިވަޑައިގަތީ 1997 ވަނަ އަހަރު އެވެ. އޭނާ ހޯމް ސެކްރެޓަރީގެ މަގާމަށް އައްޔަނު ކުރެވިގެން ދިޔައީ 2010 ވަނަ އަހަރު އެވެ. އޭނާއަކީ ހޯމް ސެކްރެޓަރީގެ މަގާމު އެންމެ ގިނަ ދުވަހު އަދާކުރެއްވި ފަރާތެވެ.

ކެމެރަން އިސްތިއުފާ ދެއްވުމަށް ނިންމުމާ ގުޅިގެން ބޮޑުވަޒީރުގެ މަގާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެ ވާދަކުރެއްވީ ތެރީސާގެ އިތުރުން އިނގިރޭސި ހަކަތައާ ބެހޭ މިނިސްޓަރު އެންޑިއާ ލީޑްސަން އެވެ. ނަމަވެސް މިއަދު އެންޑްރިއާ ވަނީ އޭނާގެ ޝައުގުވެރިކަން އަނބުރައި ގެންގޮސް، ތެރީސާއާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.