11 Jul 2016, 19:29
ރާއްޖޭގައި ކަނޑު ދަތުރުފަތުރު ކުރުމުގެ ތަމްރީނު ދޭ ތަންތަން އެޕްރޫވް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ދަށުން ތިން ތަނެއް އެޕްރޫވްކޮށް، ހިންގުމުގެ ހުއްދަ ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ކަނޑުގައި ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ގިނަވެ، ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާ އިރު، އެކަމުގެ ސަބަބަކީ އުޅަނދުތަހަރުގައި މަސައްކަތް ކުރާ ކެޕްޓަނުންނާ ފަޅުވެރިންނަށް އެކަށީގެންވާ ވަރަށް ތަމްރީނު ލިބިފައި ނުވާތީ ކަމަށް ބެލެވޭ ކަމަށެވެ.
އަދި އެކަމާ ގުޅިގެން މިހާރު ސަރުކާރުން ވަނީ ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހު ކޮށްފައި ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވައިދުގެ ދަށުން، 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކަނޑުތަކުގައި ދުއްވާ ހުރިހާ އުޅަނދުތަކެއްގައި މަސައްކަތް ކުރަން ޖެހޭނީ ތަމްރީނު ލިބިގެން ލައިސަންސް ދޫކޮށްފައިވާ މީހުން ކަމުން، އެފަދަ ތަމްރީނު ދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދޫކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން އެފަދަ ތިން އިންސްޓިޓިއުޝަނަކަށް މިހާރު ހުއްދަ ދޫކުރެވިފައިވާ އިރު، އިތުރު ތަންތަނަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ އެތަންތަނުން ކިޔަވައިދޭނީ ޓްރާންސްޕޯޓު އޮތޯރިޓީން އެޕްރޫވް ކޮށޤފައިވާ މުގައްރަރުތަކެއް ކަމަށާއި ކިޔަވައިދޭނެ އިންސްޓްރަކްޓަރުންނަކީ އެ ދާއިރާއިން މަތީ ތައުލީ ހާސިލުކޮށް، ޓްރާންސްޕޯޓު އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތްތަކަށް ވާނެ ކަމަށެވެ. އަދި ތަމްރީނުދޭ ތަންތަނަކީ މޯބައިލްކޮށް ތަމްރީނުދޭ ތަންތަން ކަމުގައި ވިޔަސް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެތަންތަން އޮޑިޓު ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ ލޯކަލް މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޝަންތަކަކީ ތަމްރީނު ދިނުމަށްޓަކައި ރަށްރަށަށް ނުވަތަ ރިސޯޓުތަކަށް ގޮސް ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ ފަރާޓްތައް ކަމަށާއި، އކެމަުގ ސަބަބުން މަސައްކަތުގައި އުޅޭ ފަޅުވެރިންނާއި ކެޕްޓަނުން މަސައްކަތް ދޫކޮށްލުމަށް ފަހު ތަމްރީނު ހޯދުމަށް އެހެން ރަށަކަށް ދާންޖެހޭ ހާލަތް މަދުވާނެ ކަމަށެވެ.