މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާ ބައްދަލުކޮށް، އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.

އިދިކޮޅު އިއްތިހާދުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ތަރުޖަމާނު އަހްމަދު މަހްލޫފް ވިދާޅުވީ އެންއައިސީ އަށް ވަރަށް ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މަހްލޫފް ފާހަގަ ކޮށްފައި ވަނީ:-

  • ޕެޕަރ ސްޕްރޭ ބޭނުންކުރަން ނުޖެހޭ ހާލަތްތަކުގައި ފަހަކަށް އައިސް ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކުރުން

  • ދުއާ ކުރަން ފުރުސަތު ނުދިނުން
  • ގްރީން ޒޯންތަކުގައި ޕްރެސް ކޮންފަރެންސް ބާއްވަން ފުރުސަތު ނުދިނުން
  • މީޑިއާ އަށް ކުރިމަތިކުރުވާ ފިއްތުންތައް
  • ސިޔާސީ ހަރަކާތްތައް ހިންގުމަށް އެކި ގޮތްގޮތަށް ދަތި ކުރުން
  • ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ މައްސަލަ ލަސްވުން

މަހުލޫފު ވިދާޅުވީ މައްސަލަތައް ބަލާނެ ކަމަށް އެންއައިސީ އިން ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފާހަގަ ކުރިން މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށް މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ޖާޖަ ނެތް ކަމަށް ގަބޫލު ކުރާކަން،" މަހުލޫފު ވިދާޅުވި އެވެ.

ފުލުހުން ގާނޫނާ ހިލާފަށް ކަންކަން ކުރާ ކަމާއި، އެފަދަ ކަންކަން ބަަލައި ފުލުހުންގެ މުއައްސަސާ އަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމާއި، ރައްޔިތުންނާއި ފުލުހުންނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ނައްތާލުމަށް މަސައްކަތް ކޮށްދެއްވުމަށް އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ މިއަދު ހުށަހެޅި ކަންކަމުގެ އިތުރުން ވެސް، ފާހަގަ ކުރެވިފައިވާ ކަންކަން، ގުޅޭ ފޮޓޯ އާއި ވީޑިއޯ އާއެކު އެންއައިސީ އަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި ދައުލަތުގެ އެހެން މުއައްސަސާތަކަށް ގޮސް އެތަންތަނުގެ މެމްބަރުންނާ ބައްދަލު ކުރާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"ގިނަ މުއައްސަސާތަކަކީ މިއަދު ޕެރަލައިޒް ވެފަ ނުވަތަ ރައީސް ޔާމީން ބުނާ ގޮތަށް މަސައްކަތް ކުރާ ތަންތަން. މިސާލަކަށް ބްރޯޑްކާސްޓިންގ ކޮމިޝަން އާ ވެސް އަޅުގަނޑުމެން ބައްދަލު ކުރާނަން. ބައްލަވާ ޓީވީއެމް އިން އަޅުގަނޑުމެން ރައްޔިތުންގެ ޓެކްސް ފައިސާ ނަގައިގެން ހަމައެކަނި ރައީސް ޔާމީނަށް ކެމްޕޭނެ ކޮށްދެނީ. އަޅުގަނޑުމެން ދާނަން އެތަނަށް ގޮސް ބޯޑު މެމްބަރުންނާ ބައްދަލު ކުރާނަން. ކީއްވެތޯ އެގޮތަށް ކަންތައް ކުރަނީ އޮޅުންފިލުވާނަން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުން ވަނީ މިރޭ ބާއްވަން ނިންމާފައިވާ އެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައި ވާތީ އެކަމާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.