ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނުމުގެ އަސްލަކީ އެ ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން ކަމަށް ދެކޭ ވަރަށް ގިނަ ބަޔަކު ވެސް ތިބެދާނެ އެވެ. ޖަލުގެ އަނިޔާތަކަށް އިންސާފު ހޯދައިދޭށޭ އަބަދު ގޮވާ ބަޔަކު އުޅެނީ އެހެންވެގެން ކަމަށްވެދާނެ އެވެ.

މައުމޫންގެ ދައުރު ނިމި، އެމްޑީޕީއަށް ވެރިކަން ލިބުނު ކަމުގައިވިޔަސް އެމްޑީޕީގެ އެކްޓިވިސްޓުން އަދިވެސް ތިބީ އިންސާފުގެ އަލާގައި ފެން ބޮވައިގެންފަ އެވެ. ޖަލުތަކުގައި އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ފިކުރުގެ ތެރެއިން ނުކުތް ވައުދުތައް މިހާތަނަށް ވެސް ހުސް ވާހަކަތަކަކަށްވެފައި ވުމުން އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ވެސް ތިބެނީ މޫނު ރީންދޫކޮށް، ސަރުކާރަށް ރީނދޫ ކާޑު ދައްކައިގެނެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކަކީ މާޒީގެ އަނިޔާތަކަށް، ހާއްސަކޮށް ކުރީގެ ސަރުކާރުން ޖަލު މީހުންނަށް ކުރި ކަމަށް ބުނާ އަނިޔާތަކަށް އިންސާފު ހޯދުމުގެ އަޑު އެންމެ ހަރުކުރައްވާ ފަރާތެވެ. މޫސަ ފިޔަވައި އެހެން އެންމެވެސް ތިބީ ރައީސާއެކު ހިތް ތިރިކޮށްގެނެވެ. ޒަމާނީ ޑިމޮކްރަސީގެ ސިޔާސީ ހަޔާތުގެ މުހިންމު ގިނަ ސޮފްހާތަކެއްގެ ލިޔެވޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާއެއްގައި މޫސަ "ބޮޑާ ހާކަން" ޖެހިވަޑައިގަތީ ވެސް އެ އަލާގައި ކެތް ނުކުރެވިގެނެވެ.

ފެންނަ މަންޒަރަށް ބަލާއިރު ޖަލު އަނިޔާތަކަށް އިންސާފު ހޯދަން މޫސަ ގޮވާ ގޮވެލީގެ އަޑުބާރުވާ ކޮންމެ ފަހަރަކު ވެސް ކޮންމެވެސް "ގޮތެއް"ވެ އެވެ. މޫސަގެ ރުޅިގަނޑުގެ ތެރެއިން ރައީސް ނަޝީދުގެ ހިތްޕުޅު ވެސް ކޮންމެ ފަހަރަކު ތިރިން މައްޗަށް ގެންދަވަ އެވެ. އެކިފަހަރު އެކިވަރަށެވެ.

ރައީސް ނަޝީދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަކީ އަބަދު ރިޔާސަތު ބަދަލުވާ، އިންޓެގްރިޓީއާމެދު ސުވާލު އުފައްދާނެ ޖާގަ ލިބޭ ގޮތަށް ދޭތެރެ ދޭރެއިން ބަދަލު ގެންނަވާ ކޮމިޝަނެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ނަތީޖާއެއް ނުނެރެވޭ ސުމެއްގެ ކޮމިޝަނެކެވެ. މިހާތަނަށް ނަތީޖާއެއް ހާސިލު ކުރެވިފައެއް ވެސް ނުވެ އެވެ. އެހެން ކަމުން އެއީ ޖަލު އަނިޔާތަކަށް އިންސާފު ހޯދަން ގޮވާ އެކްޓިވިސްޓުން ހިތް އުފާ ކޮށްދޭ ކޮމިޝަނެކެވެ. އެކްޓިވިސްޓުން ރުޅި ގަދަވެލާއިރަށް ކޮމިޝަންގެ ދޮރު ހުޅުވާލައި ގޮތަށެވެ.

ކޮމިޝަނަށް ދެ އަރަހަރު ފުރިފައިވާ އިރު ދޭތެރެ ދޭތެރެއިން ކޮމިޝަންގެ ދޮރު ހުޅުވާ އުސޫލުން މިހާރު ވެސް ވަނީ ހާއްސަ ތަހުގީގެއް ފަށައިގެންފަ އެވެ. އާ ފައިލްތަކެއް ހާވަން ފަށައިފަ އެވެ. އާ ފޮޓޯތަކެއް ވެސް ނެރެފަ އެވެ. އާ ބޭފުޅަކު، ޖަލު ބެލެހެއްޓުމުގައި ކުރިން އިސްކޮށް ހުންނެވި އިސްތަފާ އިބްރާހިމް މަނިކު ހައްޔަރު ކުރައްވާފަ އެވެ.

މި ސަރުކާރުން ޖަލު އަނިޔާގެ ހަގީގަތް ހޯދަނީ ކަމަށް ބުނާއިރު ކުރީ ސަރުކާރުގެ އިސްފަރާތްތައް ބުނަނީ އެފަދަ ކަމެއް ނޯންނާނެ ކަމަށެވެ. މިއީ ސިޔާސީ ފިލްމެއް ކަމަށެވެ. ހުރިހާ ކަމެއްގެ ތެރެއިން ވާހަކަތައް ފުރޭނި، އަބަދުވެސް ރާއްޖޭގެ ވާހަކަ ނިމޭނީ ކުރީގެ ރައީސް މައުމޫނަށެވެ. މި ފަހަރު ވެސް މިވީ އެހެނެވެ. މައުމޫންގެ ފަރާތްޕުޅުން ގަބޫލުކުރައްވާ ގޮތުން އިސްތަފާ ހައްޔަރު ކުރީ ސަރުކާރުން ސިޔާސީ ފިލްމެއް ކުޅެ، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މައުމޫން ހައްޔަރު ކޮށް އަނެއްކާ ވެސް އެމްޑީޕީގެ އެކްޓިވިސްޓުންގެ ހިތަށް ފަސޭހަކަން ހޯދައި ދިނުމަށެވެ.

"މިއީ ރައީސް ނަޝީދު ކުޅުއްވާ ފިލްމެއް. މިހާރު މިއަޅުވަނީ ފިލްމުގެ ތިން ވަނަބައި. ނަމަވެސް ރައްޔިތުން ދެން މި ފިލްމް ބަލައެއް ނުގަންނާނެ. ހަމަ ފުލޮޕްވާނީ. ރައީސް މައުމޫން ދެކެ ބިރުން އެ މަނިކުފާނު ހައްޔަރުކުރުމަށް ކުޅުއްވާ ފިލްމެއް މިއީ،" މައުމޫންގެ ތަރުޖަމާން މުހަންމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި އެވެ.

މުންދުގެ ވާހަކަތަކުން ސަރުކާރުގެ އަތް މައުމޫނާއި ހަމައަށް ފޯރުވަފާނެ ކަމުގެ ރަތް ސިގުނަލް ލިބިފައިވާކަމަށް ގަބޫލު ކުރެވިދާނެ އެވެ. ބައެއް މީހުން ބުނާ ގޮތުމް އެއީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭ ފެނުން ވަރަށް އެކަށީގެންވާ މަންޒަރެކެވެ. އަލާ ނުކެޑި ތިބި އެމްޑީޕީގެ ގްރާސް ރޫޓް މެންބަރުންގެ ކަރުތެރެއަށް ކޮންމެވެސް ވަރަކަށް ތެއްކަމެއް އޭގެ ސަބުން ގެނެސްދެވިދާނެ ކަމަށް ބަލައިގެނެވެ. ނަމަވެސް ފެން ގޮޅި އާއި ކަރަންޓް ޖަނަރޭޓަރާއި އަދަގޮނޑީގެ އަހުވަ ލިބުނު ކަމަށް ބުނާ މީހުންނަށް އަދި އެވަރަކުން ނުފުދޭނެ އެވެ. އެމީހުން ބޭނުންވަނީ އަމަލީ ގޮތުން އިންސާފެވެ. މައުމޫން ހައްޔަރުކުރުމަށް ހަރުއަޑުން ގޮވާލައްވާ މޫސަ ވިދާޅުވާ ގޮތަށް "އިންސާފަށް، އަދުލުވެރި ކަމަށް، ރައްޔިތުންގެ ފައިދާއަށް ލާބައަށް،" ބޭނުންވާތީ އެވެ.

ކޮންމެ ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް ރައީސް ނަޝީދު ވިދާޅުވަނީ މައުމޫނަކީ ސިޔާސީ ވާދަވެރި ފަރާތް ކަމަށެވެ. މައުމޫން ހައްޔަރު ނުކުރެއްވާނެ ކަމަށެވެ. ތަޖުރިބާއަށް ބަލާއިރު އެމަނިކުފާނަކީ ބަސް ވަރުގަދަ ބޭފުޅެކެވެ. އޭގެ އަނެއްކޮޅު ވެސް އެބައޮތެވެ. އެމަނިކުފާނު ވާހަކަފުޅެއް ވިދާޅުވެއްޖެ ނަމަ ގިނަފަހަރަށް ކަން ހިނގަނީ އަނެއްކޮޅަށެވެ.

"މައުމޫން ހައްޔަރު ކުރެއްވުމަކީ ވަރަށް ދުރުގައި އޮތް ކަމެއް. މައުމޫން ހައްޔަރު ކުރައްއްވަން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެ،" ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މިއަދު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ މިހާރު ރިޔާސީ ކޮމިޝަނާ ފުލުން ގުޅިގެން ފަށައިގެން އުޅޭ ތަހުގީތަކާއެކު އެކަމުގެ ތެރޭގައި ކުރީގެ ރައީސް "ގޮޅިއަކަށް ފެތިވަޑައިގެންފާނެ" ކަމަށް ކުރީގެ ރައީސަށް ހީފުޅު ކުރެއްވޭހެން ހީވާ ކަމަށާއި އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"އެމަނިކުފާނު މިތަނުން ކަމެއްގައި ބެދިދާނެ ކަމަށް ބިރުން އުޅުއްވާހެން ހީވޭ،" ޒުހައިރު ވިދާޅުވި އެވެ.
އެއް ނަޒަރަކުން ބަލާއިރު ޒުހައިރު ވިދާޅުވަނީ ރަނގަޅު ވާހަކަފުޅެކެވެ. މިހާރު ހިނގާ ތަހުގީގުތަކާ ގުޅިގެން ކުރީގެ ރައީސާ ހަމައަށް އަދި ކަމެއް ގޮސްފައެއް ނުވެ އެވެ. އެފަދަ ކަމެއް ރިޔާސީ ކޮމިޝަނަކުން ނުބުނެ އެވެ. ނަމަވެސް މައުމޫން ނިސްބަތްވާ ޒެޑް ޑީއާރްޕީން ވަނީ މި ތަހުގީގުތަކަކީ ކުޑަވަގުތު ކޮޅަކަށް ނަމަވެސް މައުމޫން ހައްޔަރު ކުރަން ކުރާ ކަމެކޭ ބުނެ ބަޔާން ނެރަ ފައެވެ.

"އަނީސްގެ ފައިލްގެ ގެއްލުނު ހިސާބުން އަޅުގަނޑުމެން ބައެއް ލިޔެކިޔުންތައް ރައްކާކޮށްފައި ހުރި ގުދަންތައް ބެލި އިރު ފެނުނީ ފޮޓޯތަކާއި ޖަލުގައި އަނިޔާކުރުމުގެ ގަވާއިދު ހިމެނޭ ފޮތްތައް، އެހިސާބުން އަޅުގަނޑުމެން އާ ހިތްވަރަކާއެކު މި ފެށީ،" ރިޔާސީ ކޮމިޝަންގެ ތަހުގީގު މެކުހަށް ޖެހުމާއި ގުޅޭ ގޮތުން ޒުހައިރު ވިދާޅުވި އެވެ.

އަނިޔާކޮށްފައިވާ ނަމަ އަދަބު ލިބެންޖެހޭނެ އެވެ. އަދި އަނިޔާވި މީހުންނަށް ހައްގު ބަދަލު ދޭންޖެހޭނެ އެވެ. އެކަމުގައި ރައީސަކަށް ވެސް ހިތެއް ތިރިއެއް ނުކުރެއްވޭނެ އެވެ. ނަމަވެސް އެއް ސުވާލަކީ ސިޔާސީ ސަބަބުތަކުން އެއްފަރާތްވެ މިނިވަން ތަހުގީގަކަށް އެ ތަހުގީގު ވެދާނެ ތޯ އެވެ؟ އެއާ ހިލާފަށް ސިޔާސީ ވާދަވެރިޔާ ކަމަށް ވިދާޅުވާ މައުމޫންގެ މޫނު ހަޑިކުރުމަށް އެ ތަހުގީގު ކުރިއަށް ގެންދާ ނަމަ އެއީ މައްސަލަ އެކެވެ. އެކަމަށް ގޮތް ނިންމަން އިނގޭނީ ތަހުގީގު ކުރިއަށްދާ މިންވަރަކުންނެވެ.

"އަލުގަނޑުމެންގެ މަގުސަދަކީ ރާއްޖޭގައި މީގެ ކުރިން ހިނގިފަދަ އަނިޔާވެރި އަމަލުތައް ތަކުރާރު ވިޔަ ނުދިނުމުގެ ނިޒާމެއް އާލާ ކުރުން،" ޒުހައިރު ވިދާޅުވި އެވެ.