ޕޯޗުގަލްއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ޔޫރޯ 2016 ކާމިޔާބު ކުރުމުން ބެލޮންޑޯ އެވޯޑުގެ ރޭސް ނިމުމަކަށް އަތުވެއްޖެ ކަމަށް ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

ފްރާންސްގައި ކުރިއަށްދިޔަ ޔޫރޯގައި ގްރީޒްމަން ކާމިޔާބުކުރި ހަ ލަނޑާއެކު ފީފާ ބެލޮންޑޯގެ ފޭވަރިޓެއްގެ ގޮތުގައި އޭނާ ފާހަގަކޮށްލެވިފައިވެ އެވެ. މުބާރާތުގައި ގްރީޒްމަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ފައިނަލުގައި ރޮނާލްޑޯގެ ޕޯޗުގަލް އަތުން ގްރީޒްމަން ކުޅެމުންދިޔަ ފްރާންސް ޓީމު ވަނީ ބަލިވެފަ އެވެ.

މި އަހަރު ނިމިގެންދިޔަ ބޮޑު ދެ މުބާރާތް ކާމިޔާބު ކުރި ރޮނާލްޑޯ އަށް ބެލޮންޑޯ ލިބިފައިވާ ކަމަށް ގްރީޒްމަން ވަނީ އިޝާރާތްކޮށްފަ އެވެ.

"ބެލޮންޑޯގެ ރޭސް ނިމުމަކަށް އަތުވެއްޖެ. ރޮނާލްޑޯ ވަނީ މި ސީޒަނުގެ ބޮޑު ދެ މުބާރާތް ކާމިޔާބުކޮށްފައި،" އުމުރުން 25 އަހަރުގެ ފޯވަޑް ބުންޏެވެ.

ޔޫރޯގައި ފްރާންސް ބަލިކޮށް ޕޯޗުގަލްއާއެކު ރޮނާލްޑޯ ޔޫރޯ ކާމިޔާބުކުރި އިރު، އޭނާ ވަނީ މިދިޔަ މެއި މަހުގެ ފަހުކޮޅު ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް އަތުން ބަލިވި އެތުލެޓިކޯ މެޑްރިޑުގެ ޓީމުގައި ގްރީޒްމަން ހިމެނުނެވެ.

އެންމެ ފަހުން ބެލޮންޑޯ ކާމިޔާބު ކޮށްފައި ވަނީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އެވެ. މިދިޔަ ސީޒަނުގައި ބާސާއާއެކު މެސީ ސްޕެނިޝް ލަލީގާ ކާމިޔާބުކުރި ނަމަވެސް، ކޮޕާ އެމެރިކާގެ ފައިނަލުގައި ޗިލީ އަތުން މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު އާޖެންޓީނާ ވަނީ ބަލިވެފަ އެވެ.