12 Jul 2016, 10:16
ސޯޝަލް މީޑިއާގައި މިހާރު ދަނީ ރާނީ މުކަރުޖީގެ ދަރިފުޅު، އާދިރާގެ ފޮޓޯތަކެއް ކަމަށް ބުނެ ކުޑަ ކުއްޖެއްގެ ފޮޓޯތަކެއް ދައުރުވަމުންނެވެ.
ކާމިޔާބު އެކްޓްރްސް އަދި ކާމިޔާބު ޑައިރެކްޓަރު އަދިއްތުޔަ ޗޯޕްރާ ކައިވެނި ކޮށްފައި ވަނީ 2014 ވަނަ އަހަރު އިޓަލީގަ އެވެ. ވަރަށް ސިއްރުން ދެމީހުން ކައިވެނި ކުރުމަށް ފަހު އެކުގައި ފޮޓޯ އަކުން ވެސް ފެނިފައި ވަނީ ދާދި މިދާކަށް ދުވަހު އެވެ.
ދެމީހުން އެކުގައި ނުފެންނަ އިރު، ދެމީހުންގެ ދަރިފުޅު ވެސް މީޑިއާ އަށް ފެނިފަ އެއް ނުވެ އެވެ. އެހެން އުޅެނިކޮށް މިދިޔަ ހަފްތާގައި ވަނީ އެ ދެމީހުންގެ ދަރިފުޅުގެ ފޮޓޯތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި ފޮޓޯތަކެއް ދައުރުވާން ފަށައިފަ އެވެ.
ރާނީގެ ދަރިފުޅު އަދި ގިނަ ބަޔަކަށް ފެނިފައި ނުވުމުން، އެންމެން ވެސް ތިބީ އެގޮތަށް ގަބޫލުކޮށްގެންނެވެ. އަދި ފޮޓޯ ތައް އަޕްލޯޑް ކޮށްފައި ވަނީ ވެސް "އައި އޭމް ރާނީ މުކަރްޖީ" ކަމަށް ބުނާ އިންސްޓަގްރާމް އެކައުންޓަކުންނެވެ.
ނަމަވެސް ރާނީ މުކަރުޖީ މިވަނީ އެކަން ދޮގުކޮށްފަ އެވެ. ރާނީގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ތަރުޖަމާނު ބުނެފައި ވަނީ ރާނީ އަކީ ސޯޝަލް މީޑިއާ ބޭނުންކުރާ މީހެއް ނޫން ކަމަށާއި ރާނީ ކަމަށް ބުނާ އެކައުންޓްތަކަކީ ފޭކު އެކައުންޓުތަކެއް ކަމަށެވެ.
އަދި އެ އެކައުންޓުތަކުން ހާމަކުރާ މައުލޫމާތަކީ ވެސް އޭގައި އެއްވެސް ހަގީގަތެއް ނެތް މައުލޫމާތު ކަމަށް އޭނާ ބުނެފައިވެ އެވެ.