12 Jul 2016, 09:20
ސާފު ތާހިރުކަން ދައްވެ ކެއިންބުއިމުގައި ނުރައްކާވާ ގޮތްތަކަށް އަމަލު ކުރުމުގެ ސިލްސިލާގެ އިތުރު ބޮޅެއް އަނެއްކާ ވެސް ވަނީ އިތުރުވެ ފަ އެވެ. މިފަހަރު ކަންމިވާ ގޮތަކީ ދަތުރުވެރިން މާރުކޭޓު ކަންމަތީގައި ހަދާފައި ހުންނަ ކުނިގޮނޑުން ތަރުކާރީ އާއި މޭވާ ހޮވައިގެން އެތަކެތި ކެއުމަށް ބޭނުން ކުރުމެވެ. މިކަން މިހެން ހިނގާއިރު މިވަނީ ނުހުއްޓި އެވެ.
ދަތުރުވެރިންގެ މާރުކޭޓާއި ދިމާލުން ކުރިމިނަލް ކޯޓާއި ދިމާލަށް ހަދާފައިވާ އެ ކުނިގޮނޑަކީ ދަތުރުވެރިންގެ މާރުކޭޓުން ބާކީވާ ތަކެތި އުކާލުމަށް ހާއްސަކޮށްފައިވާތަނެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ހަލާކުވެފައި ހުންނަ ތަރުކާރީއާއި މޭވާ މީހުން ދަނީ އެތަނަށް އުކާލަމުންނެވެ. ގިނައީ ފީވެފައިވާތަކެއްޗެވެ. ދެން ގިނައިން ހުންނަނީ އެއްފަޅި "ޖަސް" ވެފައިވާތަކެއްޗެވެ.

އެތައް އެއްޗެއް އުކާލާ އެކުނިގޮނޑުން ތަރުކާރީ އާއި މޭވާ ހޮވުން މިހާރަކަށް އައިސް މި ވަނީ އާންމުވެފަ އެވެ. ގިނައީ ބިދޭސީންނެވެ. ހާއްސަކޮށް އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ ކަމަށް ބެލެވޭ ބަޔަކު އާންމުކޮށް އެ ގޮނޑުން ތަރުކާރީ އާއި މޭވާ ހޮވައިގެން ގެންދާ ކަމަށް މާރުކޭޓުގެ ވިޔަފާރިންބުނެ އެވެ. މަދުން ނަމަވެސް ދިވެހިން ވެސް އުޅެ އެވެ. ދިވެހިންގެ ތެރެއިން ގިނައީ މާރުކޭޓުގައި ސަލާންޖަހަން އުޅެ ފަރާތްތައްކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
"ކުރީ ދުވަހެއްގައި މަގުރިބްގަޑީގައި މަމިހެންދިޔައިރު މީހެއްގެ ބޯފެނޭ، މުޅި މިތަން އޮތީ ކުނިން ފުރިފައި، ވަދެ ބަލާލިއިރު މިހެންމިހެން [ހޭވުމަށް އަތުން އިޝާރާތްކޮށް] އެއޮތް ހޮވަނީ، އެ ބިދޭސީ މީހާއަކީ އާންމުކޮށް މިކަން ކުރާމީހެއް." މާރުކޭޓުގެ ވިޔަފާރިވެރިއެއްކަމަށްވާ އަހުމަދު އާދިލް ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓު --- ސަން ފައިލް ފޮޓޯ
އާދިލް ބުނީ އެގޮތަށް ގޮނޑުހޮވަން އަންނަ ފަރާތްތަކުން އަންނަނީ ކޮތަޅު ޖީބަށް އަޅައިގެން ކަމަށާއި އެއަށް ފަހު އެތަނަށް އައިސް ވަޅިން ތަރުކާރީގެ ބައެއް ބައިތައް ބުރިކޮށް ކޮތަޅަށް އަޅައިގެންގެންދާ ކަމަށެވެ. އެންމެ އާންމުކޮށް އަންނަނީ މެދު އިރުމަތީ ގައުމުތަކުގެ މީހުން ކަމަށް އޭނާ ބުނެއެވެ.
"ކޮތަޅު ހިފައިގެން އައިސް ކެބެޖު ވެސް ބުރިކޮށްގެން މިގެންދަނީ، ޖީބުފުރެންދެން ކޮތަޅު ގެންނާނެ،" އާދިލް ބުންޏެވެ.
މާރުކޭޓުގައި މަސައްކަތްކުރާ އެހެން ވިޔަފާރިވެރިން ވެސް ވަނީ އެކަން އެގޮތަށް ހިނގާކަން ސަން އަށް ޔަގީންކޮށްދީފަ އެވެ. އެ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި އެ ގޮނޑު ރަނގަޅަށް ނުބެލެހެއްޓެ އެވެ. އެތަން ހުޅުވުމުގެ ކުރިން އެތަން މޮނީޓާ ކުރުމަށް މީހަކު ހުންނާނެ ކަމަށް ވިޔަފާރިވެރިންނަށް އެންގި ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
"ކިތަންމެ ފަހަރަކު ހައުސިން މިނިސްޓްރީ މުވައްޒަފުން ކައިރީ ވެސް ބުނެފިން، އެމީހުން [ހައުސިން މިނިސްޓްރީގެ] ތިއްބައި ވެސް ހޮވައިގެންގެންދޭ،" މާރުކޭޓުގެ ވިޔަފާރިވެރިއަކު ބުންޏެވެ.
ދަތުރުވެރިންގެ މާރުކޭޓުގެ ކަންކަން ބެލުން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އެކަންކަން މިހާރު ކުރަމުން އަންނަނީ އެމިނިސްޓްރީންނެވެ. ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި އެމާރުކޭޓުގެ ކަންކަން އެމިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި އެފަދަ ޝަކުވާއެއް މިހާތަނަށް ހުށައަޅާފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕޯސްޓެއް ވެސް އިންނާނެ މާރުކޭޓުގައި އެބޭފުޅުން ދާނީ މޮނީޓާ ކުރަމުން، ތިޔަ ފަދަ މައްސަލައެއް އަދި ހުށައެޅިފައެއްނެތް." ޝަރީފް ވިދާޅުވި އެވެ.

ސިއްހީ އެތައް މައްސަލައެއްގެ ފެށުމެއް!
އެހެން އުކާލާތަކެއްޗަކީ އޭގައި އެތައް ޖަރާސީމެއް ހިމެނޭނެ ތަކެއްޗެވެ. ހާއްސަކޮށް އެތަކެތި އުކާލާފައި އެ ހުންނަ ގޮނޑަކީ ވަރަށް ވެސް ނުސާފުތަނެކެވެ. ޔޫއެސް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުން ބެކްޓީރިއާ ތަރުކާރީ އާއި މޭވާ ކެއުމުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުމާއި، ކާނާ ވިހަވުމާއި ބޭރަށް ހިންގުމާއި ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންތައް ޖެހުން މަގުފަހިވެ އެވެ. އެހެންކަމުން މިއީ ގައިންގަޔަށް އަރާ ބަލިތައް ފެތުރެން ވެސް އޮތް މަގެކެވެ.
މީގެ ކުރިން ވެސް މިވަނީ އެފަދަ މައްސަލަތަކެއް ފެންމަތިވެފަ އެވެ. ކިލާފެނުން ތަރުކާރީ ދޮވެ ވިއްކަން ބަހައްޓާ މައްސަލައެއް ފެންމަތިވި އިރު މަސްމާރުކޭޓުގެ މަސްކަނޑާ ސަރަހައްދުގައި ދަތްއުނގުޅާ ފެންވެރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. ހަމައެއާ އެކު ވަޅޯމަސްވިއްކާ މަސް މާރުކޭޓުގައި ބުޅާއުޅޭ މައްސަލަ ވެސް އިންތިހާއަށްއިތުރެވެ. މިފަހަރު މިވަނީ ގޮނޑުން ތަރުކާރީ ހޮވަން ފަށައިފަ އެވެ. މިފަދަ މައްސަލަތަކުގައި މީހުން ހޭލުންތެރި ކުރުވުމަށް ބޮޑަށް މަސައްކަތް ކުރަން ޖެހެ އެވެ.