ރަމަޟާން މަހާއި ޔޫރޯ ފުޓުބޯޅަ މުބާރާތާ ގުޅުވައިގެން މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ (އެމްއެމްއޭސީ)އާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދިޔަ "ޔޫރޯދަ" ހަރަކާތް ނިންމުމުގެ ގޮތުން ޚާއްސަ ވިޔަފާރި ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެމްއެމްއޭސީގެ ޗެއާމަން އަލީ އަބްދުލްކަރީމް ވިދާޅުވީ "ޔޫރޯދަ ވިޔަފާރި ފެސްޓިވަލް"ގެ ނަމުގައި ބާއްވަން ނިންމާފައިވާ ވިޔަފާރި ބާޒާރުގައި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ޖާގަ ދޫކުރުން މިހާރު ކުރިޔަށްދާ ކަމަށެވެ.

މި ބާޒާރު ބޭއްވުމަށް ނިންމާފައި ވަނީ ޖުލައި 18 ވާ ހޯމަ ދުވަހުން ފެށިގެން 10 ދުވަހަށެވެ.

އަލީ ވިދާޅުވީ އަލިމަސް ކާނިވާ ސަރަހައްދުގައި ބާއްވާ މި މާކެޓުގައި ދޫކުރުމަށް ހަމަޖެހިފައި ވަނީ 10 އަކަ ފޫޓުގެ 150 ޖާގަ ކަމަށެވެ. އަދި "ޔޫރޯދަ" ހަރަކާތަކީ ކުޅިވަރަށް ޚާއްސަކޮށް ހިންގި ހަރަކާތެއް ކަމުން، ކުޅިވަރާ ގުޅުންހުރި އެއްޗެހި ވިއްކާ ފަރާތްތަކަށް ޖާގަތަކެއް ޚާއްސަ ކުރެވިފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މާކެޓަކީ ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމަށް ލިބޭ ޚާއްސަ ފުރުސަތެއް ކަމުން، ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކުން ޖާގަ ނެންގުމަށްޓަކައި 9557446 ނަމްބަރަށް ގުޅުއްވައި މައުލޫމާތު ހޯދެއްވުމަށް ނުވަތަ އެމްއެމްއޭސީގެ އޮފީހަށް ވަޑައިގަތުމަށް އެމްއެމްއޭސީއިން އެދެ އެވެ.

އެމްއެމްއޭސީން ރާވާފައިވާ ގޮތުން މި ބާޒާރު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.