އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 200 މީޓަރު ދުވުމުގެ ރޭހުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރިހި މެޑެއްޔެއް ހޯދައިފި އެވެ.

އިންޑިއާގައި ކުރިއަށްދާ އެންމެ ވަރުގަދު އެތުލެޓިކްސް މުބާރާތުގެ 200 މީޓަރު ދުވުމުން ސާއިދު ރިހި މެޑެއްޔެއް ހޯދާފައިވާ އިރު، އޭނާ ވަނީ ގައުމީ ރެކޯޑެއް ވެސް އާކޮށްފައެވެ.

ސާއިދު ގައުމީ ރެކޯޑު އާކޮށްފައިވަނީ އެ ދުވުން 20.75 ސިކުންތުން ނިންމައިގެންނެވެ.

ރާއްޖޭގެ 200 މީޓަރު ދުވުމުގެ ގައުމީ ރެެކޯޑު ކުރިން ވެސް ހަދާފައިވަނީ ސާއިދު އެވެ. އެ ފަހަރު ސާއިދު ގައުމީ ރެކޯޑު އާކޮށްފައިވަނީ މިދިޔަ މަހު މެއި މަހު ޖެމެއިކާގައި ބޭއްވި ޖޭއޭއޭއޭ އޯލް ކޮމާސް 2ގެ 200 މީޓަރު ދުވުން 20.81 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސާއިދު ވަނީ މިހާރު ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ރަން މެޑެއްޔެއް ވެސް ހޯދައިފައެވެ. އޭނާ އިއްޔެ 100 މީޓަރު ދުވުމުގައި ވާދަކޮށް، ރަން މެޑެއްޔެއް ހޯދީ 10.37 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަންނަ މަހު 5 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ބްރެޒިލްގެ ރިއޯ ޑި ޖެނެރޯގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ފަރާތުން ވާދަކުރާ ދެ ދުވުންތެރިންގެ ތެރޭގައި ހިމެނޭ ސާއިދު އަކީ މިދިޔަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ އަށް ރަން މެޑެއްޔެއް ހޯދައިދީ، 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިދިން ދުވުންތެރިޔެކެވެ. އަދި އޭނާ ވަނީ މި އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިފައެވެ.

އިންޑިއާގެ ގްރޯން ޕްރީ ދުވުމުގައި ސާއިދު ވާދަކުރަނީ ވެސް އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގައި ރާއްޖެ ތަމްސީލު ކުރުމުގެ ގޮތުން އިތުރު ތަމްރީންތައް ހޯދުމަށެވެ. އޭނާގެ އިތުރުން ދެން އޮލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލް އެވެ. އޮލިމްޕިކް ގޭމްސްގައި އަފާ ދުވާނީ 200 މީޓަރު ދުވުމުގައެވެ.