11 Jul 2016, 16:48
އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެއައި ބޯޓަކުން 9.6 ކިލޯގެ މަސްތުވާތަކެތި ހޯދައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް، އާމިނަތު ސުޒީ ވިދާޅުވީ، އެ މަސްތުވާތަކެތި ފެނުމާ ގުޅިގެން ކަސްޓަމްސް އާއި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 55 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށް ވެސް ސުޒީ ވިދާޅުވި އެވެ.

އިންޑިއާގެ ޓުޓިކޮރިން އިން އައި ބޯޓަކުން ރާއްޖެއަަށް އެތެރިކުރި 9.6 ކިލޯގެ މަސްތުވާތަކެއްޗާ ބެހޭ މައުލޫމާތު މީޑިއާއާ ހިއްސާކުރަނީ -- ފޮޓޯ: ފުލުހުން
އޭގެއިތުރުން 61 އަހަރުގެ އިތުރު ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އިސްމާއީލް ހަމްދޫން ވިދާޅުވީ، އެ ބޯޓުގެ ހަރަކާތްތައް މޮނިޓާކުރަން ފަށާފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. އެ މައްސަލާގައި 72 ގަޑިއިރުގެ އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެ ބޯޓު ފެނިފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:20 ހާއިރު ފޭދޫ ފިނޮޅު ކައިރިން ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

އިންޑިއާގެ ޓުޓިކޮރިން އިން އައި ބޯޓަކުން ރާއްޖެއަަށް އެތެރިކުރި 9.6 ކިލޯގެ މަސްތުވާތަކެތި -- ފޮޓޯ: ފުލުހުން
"ފުލުހުންނާއި ކަސްޓަމްސް އޮފިސަރުން އެބޯޓަށް އަރައި ކްރޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު. ބޯޓުގެ ކުރޫންނާއި ތަކުރާރުކޮށް ސުވާލުކުރުމުން މަސްތުވާތަކެތި ގެނައި ކަމަށާއި އަދި އެތަކެތި ހަވާލުކުރީ އެ ބޯޓު ކައިރިއަށް އައި ދެ ދިވެހީން ކަމަށް ވެސް ކުރޫގެ ފަރާތުން މައުލޫމާތު ލިބުނު،" ހަމްދޫން ވިދާޅުވި އެވެ.

އިންޑިއާގެ ޓުޓިކޮރިން އިން އައި ބޯޓަކުން ރާއްޖެއަަށް އެތެރިކުރި 9.6 ކިލޯގެ މަސްތުވާތަކެތި -- ފޮޓޯ: ފުލުހުން
އޭނާ ވިދާޅުވީ، ހެރޮއިން ކަމަށް ބެލެވޭ އެ މަސްތުވާތަކެތި ފޮރުވާފައި ވަނީ ބޯޓުގެ ސްޓޮކް ރޫމްގައި ހުރި ދެ ޕުޓީ ޓައްޕު ތެރޭގައި ކަމަށެވެ.
"މިގޮތުން އެތަނުގައި ހުރި ޓައްޕުތައް އަޅުގަނޑުމެން ބަލައި ފާސްކުރުމުން އޭގެތެރެއިން ފެނިފައި ވަނީ ސެލޯފިންގައި ބަންދުކޮށްފައި ހުރި ބޮޑު ހަ ޕެކެޓު. އަދި އަނެއް ޓައްޕު ތެރެއިން ފެނިފައި ވަނީ ޓޭޕް އަޅާފައިވާ ބޮޑު ހަތަރު ރަބަރު ޕެކެޓު،" ހަމްދޫން ވިދާޅުވި އެވެ.

އިންޑިއާގެ ޓުޓިކޮރިން އިން އައި ބޯޓަކުން ރާއްޖެއަަށް އެތެރިކުރި 9.6 ކިލޯގެ މަސްތުވާތަކެތި -- ފޮޓޯ: ފުލުހުން
ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް، ސުޒީ ވިދާޅުވީ އެއީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށާއި ކޯސްޓު ގާޑުގެ އެހީތެރިކަން ވެސް އެ އޮޕަރޭޝަންގައި ލިބުނު ކަމަށެވެ.