ރާޅާ އެޅުމަކީ ދެ ޖިންސަށް ވެސް ހާއްސަ ކުޅިވަރެކެވެ. ދުނިޔޭގެ ފެންވަރުގައި ރާޅާ އަޅާ އަންހެނުން މަދެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި ރާޅާ އެޅުމުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ.

"ރާޅު އެދުރު" މިފަހަރު ނުކުމެ މި އުޅެނީ އެކަން ބަދަލު ކޮށްލާށެވެ. "އަންހެނުންނަށް ވާނެ" ކަން ސާބިތުކޮށްދިނުމަށެވެ.

ރާޅު އެދުރުގެ ކިބައިން އެދުރުވެގެން، ގދ. ވާދޫ ސަންފާ އަބްދުﷲ (ސަންފައްތަ) މިވަނީ އަންހެނުންނަށް ވެސް އެކަން ވާނެ ކަން މާބޮޑަށް ވެސް ސާބިތުކޮށްދީފަ އެވެ. އުމުރުން 48 އަހަރުގެ ސަންފައްތަ އަކީ 10 ކުދިންގެ މަންމަ އެކެވެ. އެ ހުރިހާ ކުދިންނަކީ ވެސް މޫދު ކުޅިވަރު ކުޅޭ ރާޅާ އަޅާ ކުދިންނެވެ. އޭގެ ތެރޭގައި ސަންފައްތަގެ އަންހެން ދަރިފުޅު ވެސް ހިމެނެ އެވެ.

ސަންފައްތަގެ އަންހެން ދަރިފުޅު ރާޅާ އަޅަނީ: މުޅި އާއިލާ ވެސް ވަނީ މޫދު ކުޅިވަރުގެ ތެރެއަށް ވަދެފައި --- ފޮޓޯ: ރާޅު އެދުރު

ރާޅު އެދުރުން މިހާރު ކުރިއަށް ގެންދާ ރާޅާ އަޅަން ދަސްކޮށްދޭ ޕްރޮގްރާމުގެ ދަށުން ވާދޫ ގައި ކުރިއަށް ގެންދިޔައީ ފަސް ދުވަހުގެ ޕްރޮގްރާމެކެވެ. ސަންފައްތަ ވެސް ރާޅާ އަޅާ ބޯޑަކާ އެކު މޫދަށް ދިޔައީ އެ ޕްރޮގްރާމުގެ ތެރެއިންނެވެ.

ރާޅު އެދުރުގެ އޮފިޝަލެއް ކަމުގައިވާ ދަފީ، 'ސަން' އަށް ވިދާޅުވީ ސަންފަދައްތަގެ ދިހަ ކުދިން ވެސް ރާޅާ އަޅާ ކަމަށާއި ވާދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ވެސް އެކުދިން ބައިވެރިވެފައިވާ ކަމަށެވެ. އަދި ސަންފަދައްތަ އެ ޕްރޮގްރާމުގައި ބައިވެރިވީ އެންމެ ފަހު ދުވަހު ކަމަށް ދަފީ ވިދާޅުވި އެވެ.

"ރާޅު އެދުރު" ގެ ފަރާތުން ވާދޫގައި ކުރިއަށް ގެންދިޔަ ރާޅާ އަޅަން ދަސްކޮށްދޭ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ: ރާޅު އެދުރު

ރާޅާ އަޅާ ޒުވާން އަންހެނުން ކުދިން ފެނުނު ނަމަވެސް، ސަންފައްތަގެ އުމުރުގެ ދިވެހި އަންހެނަކު ރާޅާ އަޅާ މަންޒަރު މި ފެނުނީ އަލަށެވެ. އަނެއްކާ އެހާ ކުޅަދާނަ އެވެ.

"އަލަށް ފެނުނު މަންޒަރެއް ދެއްތޯ މިއީ. ސަންފައްތަ އަށް ޕްރޮގްރާމްގައި ބައިވެރިވި ކަމުގެ ލިޔުން ދީފައި ވަނީ،" ދަފީ ވިދާޅުވި އެވެ.

ރާޅު އެދުރު ޓީމުން އެ ޕްރޮގްރާމު ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އައްޑޫ އިން ފެށި އެ ޕްރޮގްރާމް މިހާރު ފުވައްމުލަކު އަދި ވާދޫގައި ކުރިއަށް ގެންގޮސްފައިވާ އިރު 50 ވަރަކަށް ކުދިންނަށް ވަނީ ރާޅާ އަޅަން ދަސްކޮށްދީފަ އެވެ.

"ރާޅު އެދުރު" ގެ ފަރާތުން ވާދޫގައި ކުރިއަށް ގެންދިޔަ ރާޅާ އަޅަން ދަސްކޮށްދޭ ޕްރޮގްރާމުގެ ތެރެއިން: އެ ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައި --- ފޮޓޯ: ރާޅު އެދުރު

ވާދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ވެސް 28 ކުދިން ބައިވެރިވި އިރު އޭގެ ތެރޭގައި ހަތަރު އަހަރުން ފެށިގެން 20 އަހަރާ ދެމެދުގެ ކުދިން ވެސް ހިމެނެ އެވެ.

އެ ޕްރޮގްރާމުގެ މައިގަނޑު އެއް މަގުސަދަކީ އަންހެން ކުދިން މިކަހަލަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމެވެ. އަދި އެ މަގުސަދު ވަރަށް ރަނގަޅަށް އަންނަނީ ހާސިލު ވަމުންނެވެ.

"ރާޅު އެދުރު" ގެ ފަރާތުން ވާދޫގައި ކުރިއަށް ގެންދިޔަ ރާޅާ އަޅަން ދަސްކޮށްދޭ ޕްރޮގްރާމުގެ ތެރެއިން: އެ ޕްރޮގްރާމުގައި ގިނަ އަންހެން ކުދިން ވަނީ ބައިވެރިވަފައި --- ފޮޓޯ: ރާޅު އެދުރު

ދަފީ ވިދާޅުވީ އަންހެން ކުދިން ބައިވެރިވާ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށާއި، ވަރަށް ފަސޭހަ އިން ދަސްކުރާ ކަމަށެވެ.

"ހުރިހާ ކުދިން ވެސް ބޭނުން ވަނީ އަބަދަށް މިކަން ކުރަން. ދޫނުކޮށްލާ،" ދަފީ ވިދާޅުވި އެވެ.

ހަ "ރާޅު އެދުރުންނާ" އެކު ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަނީ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްގެނެވެ. ނަމަވެސް ފަތަން އެނގޭ ކޮންމެ މީހަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.