ޕްރޮގުރަސިން ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ސުލޫކީ ކޮމެޓީން އެޕާޓީން ވަކިކުރި ތިން މެމްބަރުން އެޕާޓީން ވަކިނުވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ސުލޫކީ ކޮމެޓީން އެޕާޓިން ވަކިކޮށްފައިވަނީ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މަޖިލިސް މެމްބަރު ފާރިސް މައުމޫން އާއި އެޕާޓީގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އަދި ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީންއެވެ. އެތިން މީހުންވެސް ޕާޓީން ވަކިކޮށްފައިވަނީ ސުކޫލީ މައްސަލަތަކެއް ބެލުމަށް ފަހުއެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތިން މެމްބަރުންގެ ސުލޫކީ މައްސަލައެއް ހުށައަޅަންޖެހޭ އުސޫލުގެ މަތިން އެޕާޓިއަށް ހުށައަޅާފައިނުވާ ކަމަށެވެ.

"އެތިން މެމްބަރުންނަކީ އަދިވެސް މިޕާޓީގެ މެމްބަރުން ކަމުގައި ދެންނެވިން، ޕާޓީގެ ސުލޫކީ މައްސަލައެއް އެއްވެސް މެމްބަރަކާއި މެދު ފެންމަޔި ކުރުވަން ބޭނުންފުޅުބާނަމަ އެކަން ޕާޓީ އޮފީހަށް ހުށައަލައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް އޮންނާނެ." ޕީޕީއެމް ބަޔާނުގައިބުނެފައިވެއެވެ.

އެތިން މެމްބަރުން އެޕާޓީން ވަކިކުރަން ސުކޫކީ ކޮމެޓީން ނިންމީ ރައީސް މައުމޫން އާއި ރައީސް އަބްދުﷲ ޔާމީންއާއި ދޭތެރޭ ސިޔާސީ ހިޔާލުތަފާތުވުންތަކެއް އުޅޭދަނޑިވަޅެއްގައެވެ. އެތިން މެމްބަރުންނަކީ ރައީސް މައުމޫންއަށް ތާއީދު ކުރާ މެމްބަރުންނެވެ. ސުލޫކީ ކޮމެޓީގެ މެޖޯރިޓީ އޮންނަނީ ރައީސް ޔާމީންއަށެވެ.