22 May 2011, 13:09
ހަމަ އަގުގައި ޑޮލަރު ނުލިބިގެން 200 އަށް ވުރެ ގިނަ ފާމަސީއަށް ބޭސް ސަޕްލައިކޮށްދޭ އޭޑީކޭ ކޮމްޕެނީ އަށް ބޭސް ނުގަނެވިގެން އުޅޭ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އޭޑީކޭ ކޮމްޕެނީގެ ފަރާތުން ވާހަކަ ދެއްކެވި އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެކި ފަހަރުމަތިން މިހާތަނަށް ގެނައި ބޭހަށް މިހާރު ވެސް އެ ކުންފުނިން 280،000 ޑޮލަރު ]4،317،600ރ.[ ދައްކަންޖެހިފައިވާ ކަމަށެވެ. އެކަމަކު ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގުގައި ވެސް ޑޮލަރު ނުލިބިގެން އެ ބިލްތަކަށް ފައިސާ ދެއްކިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުރަށް ކުންފުންޏަށް ބޭސް ގަނެވޭނީ އެ ބިލްތަކަށް ފައިސާ ދެއްކުމުން ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.
"އަޅުގަނޑުމެން އާންމުކޮށް ޑޮލަރު ހޯދަނީ ބޭންކް މެދުވެރިކޮށް. އެކަމަކު މިހާރު ހަމަ އެއްގޮތަކަށް ވެސް ޑޮލަރު ނުލިބިގެން މިއުޅެނީ. މިހާރު އޮތް 280،000 ޑޮލަރުގެ އައުޓްސްޓޭންޑިން ދެއްކުމުން ދެން އަޅުގަނޑުމެންނަށް އިތުރަށް ބޭސް ލިބޭނީ،" އޭޑީކޭގެ އޮފިޝަލް ވިދާޅުވި އެވެ.
އޭޑިކޭ އިން ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ފަރާތުން ބޭސް ވިއްކަމުން ދަނީ ރިޒާވް ސްޓޮކުން ކަމަށާއި އާންމުކޮށް ރިޒާވް ސްޓޮކުގައި ބަހައްޓާފައި ހުންނާނީ 14 ދުވަހުގެ ބޭސް ކަމަށެވެ.
ރާއްޖޭގެ 200 އަށް ވުރެ ގިނަ ފާމަސީ އަށް ބޭސް ސަޕްލައިކޮށްދޭ އޭޑީކޭ ކޮމްޕެނީން އިތުރަށް ބުނީ ބްލެކް މާކެޓުގައި 17ރ. ނުވަތަ 18ރ. އަށް ޑޮލަރު ގަންނަން އަދި އެ ކުންފުނިން ތައްޔާރު ނޫން ކަމަށެވެ. އަދި ޑޮލަރު ނުލިބިގެން ބޭސް ނުގަނެވިފައިވާތީ މިހާރު އެކަން ހެލްތު މިނިސްޓްރީ އަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.