02 May 2010, 15:47
19:00
ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ގާއިމްކުރުމަށް، ހުޅުވާލި ފުރުސަތުގައި ބައިވެރިނުވާ ދައުލަތުގެ 15 އިދާރާއެއް ޖޫރިމަނާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފި އެވެ.
ޕެންޝަން އޮފީހުގެ ޕަބްލިކް ރިލޭޝަން އޮފިސަރ މަރިޔަމް ޝާދިޔާ މިއަދު ވިދާޅުވީ ޕެންޝަނާ ބެހޭ ގާނޫނުން ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ގާއިމްކުރުމަށް، ދައުލަތުގެ ވާޒީފާދޭ ފަރާތްތައް އެ ސްކީމްގައި ރަޖިސްޓްރީން ވާން ފިނޭންސުން ބަޖެޓް ދޭ ހުރިހާ އިދާރާ ތަކަކަށް އަންގާފައިވާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ ވާޒީފާ ދޭ ފަރާތްތައް ކަމުގައި ފާހަގަކުރެވިފައިވާ 223 ފަރާތުގެ ތެރެއިން 209 ފަރާތެއް މުއްދަތު ހަމަވިއިރު އެ އޮފީހުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޝާދިޔާ ވިދާޅުވި އެވެ. ޝާދިޔާ ވިދާޅުވީ މުއްދަތު ހަމަވެގެން ދިޔައިރުވެސް ރަޖިސްޓްރީ ކޮށްފައިނުވާ 15 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ޝާދިޔާ ވިދާޅުވީ ގައިވައިދުގައިވާ ގޮތުން މުއްދަތު ހަމަވުމަށްފަހު ރަޖިސްޓްރީނުކޮށް ފާއިތުވާ ކޮންމެ މަހަކަށް 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.