11 Jul 2016, 14:51
މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމަށް ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ލައިސަންސް ދޫކޮށްފިއެވެ.
މިއަދު މެންދުރުފަހު، ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ލައިސަންސް ހަވާލުކޮށްދެއްވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބެވެ. ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލައިސަންސާ ހަވާލުވެވަޑައިގަތީ އެކުންފުނީގެ ޑިރެކްޓަރ އަހުމަދު އާދަމެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮމިޝަންގެ ރައީސް ޝަހީބު ވިދާޅުވިގޮތުގައި ކޮމިޝަނުން ބޭނުންވަނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދޭ ރީބްރޯޑްކާސްޓަރުންތަކެއް މި ދާއިރާގައި ހަރަކާތްތެރިވުން ކަމަށެވެ.
ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑުންވެސް ހެޔޮ އަގެއްގައި ގިނަ ޚިދުމަތްތަކަކާއެކު ވީހާވެސް އަވަހަށް މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމުގެ މަސައްކަތް ފެށުމަށް ޝަހީބު ވަނީ އެދިވަޑައިގެންފަ އެވެ.
ރީބްރޯޑްކާސްޓިންގެ ޚިދުމަތް މުޅި ރާއްޖެއަށް ދިނުމަށް މިހާތަނަށް ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑާ އެކު ފަސް ފަރާތަކަށް ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވެއެވެ. އަދި އަތޮޅުތަކާއި އެކި އެކި ރަށްރަށަށް ރީބްރޯޑްކާސްޓިންގެ ޚިދުމަތް ދިނުމަށް 111 ފަރާތަކަށްވެސް ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވެއެވެ.
ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ވިޝާމް މުހައްމަދު މަނިކާއި ޑިރެކްޓަރ އަހުމަދު އާދަމެވެ. ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަން ރައީސްގެ އިތުރުން، ކޮމިޝަންގެ މެމްބަރު އިސްމާއީލް ސަފްވާނާއި ޒީނާ ޒާހިރާއި އާމިނަތު ސަރާހަތު އިއްޒަތާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހެވެ.