ވޮޝިންޓަން (ޖުލައި 11): އިރާގު ހަނގުރާމާގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އިނގިރޭސިން ބައިވެރިކޮށްފައި ވަނީ މަޖިލީހަށް އޮޅުވާލައިގެން ކަމަށާއި އެކަމާ ގުޅިގެން ބްލެއާއާ ދެކޮޅަށް، މަޖިލީހުގެ ހުރުމަތް ކެނޑިކަމުގެ ވޯޓެއް ނެގުމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ގޮވާލައިފި އެވެ.

ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރެއް ކަމަށްވާ ޑޭވިޑް ޑޭވިސް ވިދާޅުވި ގޮތުގައި އިނގިރޭސިން ހަނގުރާމައިގައި ބައިވެރިވުމާ ބެހޭ ގޮތުން އެގައުމުގެ މަޖިލީހުގައި 2003 ވަނަ އަހަރު ނެގި ވޯޓުގެ ކުރިން ބްލެއާ ވަނީ މަޖިލިސް މެމްބަރުންނަށް އޮޅުވާލާފަ އެވެ. އަދި އިނގިރޭސި ރައްޔިތުން މިހާރު ދަނީ ބްލެއާ އަށް އަދަބު ދިނުމަށް ގޮވާލަމުންނެވެ.

މަޖިލިސް މެމްބަރުން އެފަދަ އިން ގޮވާލާފައި ވަނީ އިރާގު ހަނގުރާމައަށް އިނގިރޭސިން ދިޔަ މައްސަލަ ތަހުގީގު ކުރުމަށް ފަހު ޗިލްކޮޓް ރިޕޯޓު އާއްމު ކުރި ފަހުންނެވެ. ޗިލްކޮޓް ރިޕޯޓުގައިވާ ގޮތުން ހަނގުރާމައިގައި އިނގިރޭސިން ބައިވެރި ކުރުމަށް ބްލެއާ ނިންމަވާފައި ވަނީ އިރާގުގެ ރައީސް، ސައްދާމް ހުސެއިންގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތީސް، ފުރިހަމަ ނޫން މައުލޫމާތަށް ބިނާ ކުރައްވާފަ އެވެ.

މީގެ އިތުރުން، އޭރު ބްލެއާގެ ނައިބުގެ ގޮތުގައި ހުންނެވި ޖޯން ޕްރެސްކޮޓް ވަނީ އިނގިރޭސިވިލާތުން އިރާގަށް އަރާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން އިރާގު ހަނގުރާމައިގައި އިނގިރޭސިން ބައިވެރިވުމަށް ތާއިދު ކުރެއްވި ޕްރެސްކޮޓް، ސަންޑޭ މިރާގައި ލިޔުއްވާފައި ވަނީ އެއީ ނުބައި ނިންމެވުމެއް ކަމަށް މިހާރު ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެނިންމުމާ ގުޅިގެން ހަނގުރާމައިގައި މަރުވި އަދި އަނިޔާވި އިނގިރޭސި ސިފައިންނާއި، މަރުވި އިރާގުގެ 175،000 ރައްޔިތުންނާ ބެހޭ ގޮތުން "ނުވިސްނާ އެންމެ ދުވަހެއް ވެސް ނުދާ" ކަމަށާއި، މަރުވި އިނގިރޭސި ސިފައިންގެ އާއިލާތަކުގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.

ޕްރެސްކޮޓް ވިދާޅުވި ގޮތުގައި އިރާގު ހަނގުރާމައާ ބެހޭ ގޮތުން އެކަށީގެންވާ ވަރަށް މައުލޫމާތު އިނގިރޭސި ކެބިނެޓަށް ކެބިނެޓަށް ބޮޑުވަޒީރު ޓޯނީ ބްލެއާ ދެއްވާފައި ނުވެ އެވެ. އަދި އޭރު ބްލެއާ އެންމެ ބޮޑަށް އިސްކަން ދެއްވީ އެމެރިކާ އާއި އެގައުމުގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއާ އިނގިރޭސިވިލާތާ އޮތް "ހާއްސަ ގުޅުން" ރަނގަޅު ކުރައްވަން ކަމަށް ޕްރެސްކޮޓް ވިދާޅުވި އެވެ. (ޓެލެގްރާފް)