11 Jul 2016, 13:34
ޓްރެފިކް މައްސަލަތައް އެސްއެމްއެސް މެދުވެރިކޮށް ފުލުހުންނަށް ހުށަހެޅުން ހުޅުވާލުމާ އެކު އެންމެ ގިނައިން ހުށައަޅަނީ ޕާކްކުރަން ދަތިވެގެން ހުށައަޅާ މައްސަލަތައް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ޓުރެފިކް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެސްއެމްއެސް މެދުވެރިކޮށް ޓުރެފިކް ޝަކުވާތައް ހުށައެޅުމުގެ ފުރުސަތު މީގެ ތިން ހަފްތާކުރިން ހުޅުވާލާފައިވާ އިރު އެކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
"އެންމެ ގިނައިން މިހުށައަޅަނީ ޕާކިން ދަތިވެގެން ހުށައަޅާ މައްސަލަތައް، އަޅުގަނޑުމެން މިދަނީ އެކަންކަމަށް އެޓެންޑް ކުރަމުން" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާކްކުރުމަކީ ގިނަ ބައެއްގެ ޝަކުވާއަކަށްވާ އިރު އެކަންކަން ހައްލު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވެރިރަށް މާލެއަށް އުޅަނދުތައް ތޮއްޖެހިފައިވާ އިރު އެންމެ ބޮޑު މައްސަލައަކީ އެއުޅަނދުތައް ޕާކްކުރާނެ ތަންތަން މަދުކަމެކެވެ. ޕާކިން ޒޯންތައްމަދު އިރު އެޒޯންތަކުގަިއި މުދާބެހެއްޓުމާއި ޕެލެޓު ފިލާ އެތުރުންފަދަ މައްސަލަތައް ވެސް ކުރިމަތިވެ އެވެ.
ފުލުހުން ބުނީ ޓުރެފިކް މައްސަލަތައް ހުށައެޅުމަށް TMD ޖެހުމަށް ފަހު އެ ޝަކުވާއެއް ލިޔުމަށް ފަހު 119 އަށް މެސެޖެއް ފޮނުވުމުން އެކަމެއް ބަލައި އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.