11 Jul 2016, 15:04
ކ. ހިންމަފުށީގައި ގެސްޓު ހައުސް ހެދުމަށް އެ ރަށު ކައުންސިލުން ހުޅުވާލި ފުރުސަތުގައި 31 ފަރާތަކުން ކުރިމަތިލައިފި އެވެ.
ހިންމަފުށި ކައުންސިލުގެ ރައީސް ޝާން އިބްރާހިމް މިއަދު "ސަން"އަށް ވިދާޅުވީ އެ ރަށުގައި ގެސްޓު ހައުސް ހެދުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގައި ގިނަ ފަރާތްތަކަކުން އެކަމަށް ކުރިމަތިލާފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން [ކައުންސިލުން] ބިޑުތައް މި ކެނޑީ. ދެން ގެސްޓު ހައުސް ތަރައްގީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 31 ބޭފުޅަކު ކުރިމަތިލި. ދެން އޭގެތެރެއިން އަޅުގަނޑުމެން އިއުލާނުގައި ބުނެފައި އޮތް ގޮތަށް ފުރިހަމަ އަށް ޕުރޮޕޯސަލް ހުށަހަޅާފައި ވަނީ 20 ފަރާތަކުން،" ޝާން ވިދާޅުވި އެވެ.
ހިންމަފުށީގެ އުތުރު ފަރާތުން ގެސްޓު ހައުސް ހެދުމަށް ނުވަ ބިމެއް ދޫކުރުމަށް ކައުންސިލުން ނިންމާފައިވެ އެވެ. އެގޮތުން 2000 އަކަފޫޓުގެ އަށް ބިމާއި 5000 އަކަފޫޓުގެ އެއް ބިން ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.
"އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ރަށުގެ އުތުރު ފަރާތުން ގެސްޓު ހައުސް ތަރައްގީ ކުރުމަށް ބިން ދޫކުރަން ކައުންސިލުން ނިންމާ އެކަމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު ހަމަ ރަށުގެ އުތުރު ފަރާތުން އަޅުގަނޑުމެން ކައުންސިލުން މި އަންނަނީ ފަތުރުވެރިންނަށް ހާއްސަ ބީޗެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން،" ޝާން ވިދާޅުވި އެވެ.

ހިންމަފުށީގައި ގެސްޓްހައުސް އަޅާ ސަރަހައްދު --
ޝާން ވިދާޅުވީ 60 ދުވަހުގެ ތެރޭގައި ގެސްޓު ހައުސް ތަރައްގީ ކުރުމަށް ހުއްދަ ލިބިގެންދާ ފަރާތްތަކަށް އެކަން ލިޔުމުން އަންގާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބިޑު ކާމިޔަބު ކުރާ ފަރާތްތަކުން ކައުންސިލަށް އެއްފަހަރާ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ބިމުގެ ކުއްޔެއް ގޮތުގައި ސުކެއާ މީޓަރަކަށް އަހަރަކު އަށް ޑޮލަރު މަހަކު ދައްކަން ޖެހޭނެ ކަމަށެވެ.