22 May 2011, 12:40
ރޯޑްވާދިނަސް ނެތް ޕްރައިވެޓް އުޅަނދުތައް ޓްރާންސްޕޯޓް އޮތޯރިޓީން ހުއްޓުވައި އެ މީހުން ޖޫރިމަނާ ކުރަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޖޫރިމަނާ ކުރި އެންމެންގެ ފައިސާ އަނބުރާ ހޯދުމަށް އެދި މަޝްހޫރު ގާނޫނީ ވަކީލު އިދްހާމް މުއިއްޒު އަދުނާން ސިވިލް ކޯޓުގައި މިއަދު ދައުވާ ކުރައްވައިފި އެވެ.
ދައުވާ ހުށަހަޅުއްވަމުން އިދްހާމް ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ހ.ގައި ބުނެފައި ވަނީ އަލަށް ރަޖިސްޓްރީ ކުރާ ނުވަތަ ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ބާވަތްތަކުގެ އުޅަނދުތަކުގެ ރޯޑްވާދިނަސް ވަކި މުއްދަތެއްގެ ތެރޭގައި ހަދަންވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ރޯޑްވާދިނަސް އަށް ދެވިފައިވާ މުއްދަތު ހަމަވެ، ރޯޑްވާދިނަސް އާ ނުކުރާ ފަރާތްތަކުގެ ރޯޑްވާދިނަސް ބާތިލްވާނެ ކަމަށާއި އެފަދަ އުޅަނދެއް "އާންމު ދަތުރުފަތުރުގެ ނިޒާމު"ގެ ތެރޭގަ އާއި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެ މާއްދާގެ ރ.ގައި ބުނެފައިވާ ކަމަށް އިދްހާމް ވިދާޅުވި އެވެ.
އިދްހާމް ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 67 ވަނަ މާއްދާގެ ށ.ގައި ބުނެފައިވާ ގޮތުން "އާންމު ދަތުރުފަތުރު"ގެ ނިޒާމަކީ އަގު ދީގެން އާންމުންނާއި ލުއި ދާގީނާ އުފުލުމަށް ހުއްދަ ދީފައިވާ އުޅަނދުތަކުން ކުރާ ދަތުރުތަކަށް ކަމަށެވެ. އެހެންކަމުން އެއީ ޓެކްސީތައްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ޕްރައިވެޓް އުޅަނދުތައް އާންމު ދަތުރުފަތުރުގެ ނިޒާމަށް ނުފެތޭކަން އެނގޭ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު އެދިވަޑައިގަތީ ރޯޑްވާދިނަސް ނެތިގެން ކަމަށް ބުނެ ޕްރައިވެޓް އުޅަނދުތައް ޓްރާންސްޕޯޓް އޮތޯރިޓީން ހިފަހައްޓައި ޖޫރިމަނާ ކުރަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މިހާތަނަށް އެގޮތަށް ޖޫރިމަނާކޮށްފައިވާ އެންމެނަށް އަނބުރާ ފައިސާ ހަވާލު ކުރުމަށް ވެސް ވަކީލު އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ގާނޫނަކުން ހުއްދަ ކޮށްފައިވާ ކަމެއް ގަވާއިދަކުން މަނާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އިދްހާމް ކޯޓުގައި އެދިވަޑައިގަތެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލާ މުހައްމަދު އިޔާސް ވިދާޅުވީ އެ ދައުވާއަށް ރައްދު ދެއްވުމަށް ފުރުސަތެއް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ނިހާޔަތު މިއަދުގެ އަޑުއެހުން ނިންމާލެއްވީ އެ ފުރުސަތު ދެއްވުމަށް ފަހު އެވެ.