11 Jul 2016, 12:59
ރާއްޖޭގެ އެއްވެސް ކޯޓަކުން ކުރާ ހުކުމެއް ބާތިލުކަމަށް އަންގައި އެއަށް އަމަލު ނުކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބަށް ނޭންގޭނެ ކަމަށާއި އެއީ ބަންޑާރާ ނައިބަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.
ހަވީރުގައި މަސައްކަތްކުރި މުވައްޒަފުންނަށް ދެ އަހަރުވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް އަންގައި ސިވިލް ކޯޓުން ކުރި ހުކުމަކީ ބާތިލު ހުކުމެއް ކަމަށް އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ބަންޑާރަނައިބަށް ސިވިލް ކޯޓުން މިއަދު އެންގި އެންގުމެއްގައި ބުނެފައި ވަނީ ކޯޓު ހުކުމެއް ބާތިލުކަމަށް ބުނެ އެ ހުކުމަށް އަމަލުނުކުރުމަށް ބަންޑާރަ ނައިބަށް ނޭންގޭނެ ކަމަށެވެ.
ސިވިލް ކޯޓުން ބުނެފައި ވަނީ އެކޯޓުން ކުރާ ހުކުމްތަކާއި ނިންމާ ނިންމުންތަކާ މެދު އާންމުގެ މެދުގައި ނަފްރަތެއް އުފެދި ނުކިޔަމަންތެރިކަމަށް މަގުފަހިވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓަން ޖެހޭ ކަމަށެވެ.
ކޯޓަކުން ކުރާ ހުކުމަކާ މެދު ގޮތް ނިންމުން ނުވަތަ ނިންމުމެއް ބާތިލު ކުރުމުގެ ބާރު ބަންޑާރަ ނައިބަށް ލިބިގެން ނުވާކަމަށް ބުނެ ސިވިލް ކޯޓުގެ އެނެގުމުގައި ވަނީ ގިނަކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ކޯޓު ހުކުމަކަށް އަމަލު ނުކުރުމަށް އެންގުމުގެ ބާރު ޝަރުއީ ކޯޓުތައް ފިޔަވައި އެހެން ބަޔަކަށް ލިބިގެން ނުވާކަން ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އިން އެގެން އޮންނަ ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފަ އެވެ.
ޝަރުއީ ކޯޓުތައް ފިޔަވައި އެހެން ބަޔަކަށް ކޯޓު ހުކުމަކަށް ނުވަތަ އަމުރަކަށް އަމަލު ނުކުރުމަކަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ވަނީ އަންގައިފަ އެވެ. އަދި ހުކުމް ތަންފީޒު ކުރުމުގައި އިޖުރާއީ ގޮތުން ޝަރީއަތުގެ ފަރާތުން އަޅާ ފިޔަވަޅުތަކެއް ހުންނަ ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި މީހުންގެ ޕާސްޕޯޓް ހިފެއްޓުމާއި ގޯތިގެދޮރުން މީހުން ނެރުމާއި އެތަންތަނަށް މީހުން ވެއްދުމަށް އެނގުން ފަދަ އަމުރުތައް ސިވިލް ކޯޓުން ނެރޭކަމަށް ބުނެފައިވެ އެވެ.
ދައުލަތުގެ ވުޒާރާއެއްގެ މައްޗަށް ލާޒިމްކޮށް ކޯޓުތަކުން އަޅާ ފިޔަވަޅުތަކަކީ އިސްތިއުނާފު ކުރުމަށް ފަހު ތަންފީޒު ކުރެވޭ ފިޔަވަޅުތަކަކަށް ވެއްޖެ ނަމަ ކޯޓު ހުކުމް ތަންފީޒުނުވެ ހިނގައިދާނެ ކަމެއްގެ ގޮތުގައި ދައުލަތުގެ ބަންޑާރަނައިބު ވެސް ބަލައިގަނެފައިވާ ކަމަށް ސިވިލް ކޯޓުން ބުންޏެވެ. މީގެ ކުރިން ވެސް ކޯޓުތަކުން ކުރާ ހުކުމްތައް މަތީ މަރުހަލާއަކުން ބާތިލު ކުރަންދެން ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފަ އެވެ.
ހަވީރުގެ މުވައްޒަފުންގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ވެސް އިސްތިއުނާފު މަރުހަލާގައި ބާތިލުކޮށްފި ނަމަ ހުކުމް ތަންފީޒުކުރުން ނިމުމަމަށް ގެނެވޭނެ ކަމަށް ސިވިލް ކޯޓުން ބުނެފައިވެ އެވެ.
ކޯޓު ހުކުމްތައް އިސްތިއުނާފުކޮށް އިސްތިއުނާފީ މަރުހަލާ އިން ހުކުމްތަކަށް ތާއީދުކޮށް ނުވަތަ ބާތިލުކޮށް ނުވަތަ އަލުން ބެލުމަށް ދަށުކޯޓަށް އަމުރުކުރުމުގެ އުސޫލުތަކަކީ ފަންޑިޔާރުންގެ ނިންމުންތައް ވަރުގަދަވެ ފުރިހަމަވާކަމެއް ކަމުގައި ކޯޓުން ބަލައިގެންފައިވާ ކަމަށެވެ. އަދި ހަވީރުގެ މުވައްޒަފުންގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ވެސް "ވަކި ހާއްސަވެގެން ނުވާކަން" އެނގޭ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
"ދިވެހި ދައުލަތުގެ ބަންޑާރަ ނައިބަކީ ނުވަތަ ބަންޑާރަ ނައިބުގެ އޮފީހަކީ ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތައް ބާތިލުކަމަށް ބުނެ ކަނޑައެޅޭނެ ފަރާތެއް ނޫންކަން އެނގެން އޮވޭ" ސިވލް ކޯޓުގެ އެންގުމުގައި ބުނެފައުވެ އެވެ.
ހަވީރުގެ މުވައްޒަފުންނަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ނިންމައި އެ އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައި ވަނީ އާންމު އުސޫލާ ހިލާފަށް ކަމަށް ވެސް ކޯޓުން ވަނީ ބުނެފަ އެވެ. އަދި މީގެ ކުރިން ވެސް ބަންޑާރަނައިބުގެ އޮފީހުން މައްސަލަތައް އިސްތިއުނާފު ކުރި ނަމަވެސް ވެބްސައިޓުގައި އާންމު ނުކުރާކަމަށް ވަނީ ބުނެފަ އެވެ.
މީގެކުރިން ވެސް އާންމު ފަރުދުންގެ މެދުގައި އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުން ހުކުމް ކޮށްފައިވާނެ ކަމަށާއި ނަަމަވެސް ބަންޑާރަނައިބު އެ މައްސަލަތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ބަންޑާރަނައިބު ނޫޅުއްވައި ހަމައެކަނި ހަވީރު މުވައްޒަފުންނަށް ކުރި ހުކުމާ ގުޅިގެން އުޅުވުމަކީ ހަމަހަމަ ކަމާއި އަދުލުވެރިކަމުން ބޭރުން ކުރައްވާ ކަމެއް ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފަ އެވެ.
"ކޯޓުތަކުން ކުރާ ހުކުމްތަކަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ކޯޓުން އަޅާނެ ފިޔަވަޅުތަކާއި ގޮތްތައް ގާނޫނުތަކާއި ޝަރީއަތްކުރުމުގެ ގަވާއިދުގެ ތެރޭގަޔާއި ފަނޑިޔާރުން ގެންގުޅޭ ހަމަތަކުގެ ތެރޭގައި ހުރިކަމާއި ކޯޓުން ކުރާ ހުކުމެއް ކޯޓުން ތަންފީޒު ކުރުމުގައި ކޯޓުތަކަށް ގޮތް ހުސްވެ ނުދާނޭކަން އެގެން އޮވޭ،" ސިވލް ކޯޓުގެ އެންގުމުގައި ބުނެފައުވެ އެވެ.
ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދުގެ ބާރު ހިންގުމުގައި ބަންޑާރަނައިބާއި ބަންޑާރަ ނައިބުގެ އޮފީސް އިސްތިސްނާ ނުވާނެ ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފަ އެވެ.
"ކޯޓުތަކުގައި ހިނގަމުންދާ މައްސަލައެއް ތަންފީޒުނުވެ އިސްތިއުނާފީ މަރުހަލާގެ މަގުމަތީގައި ވަނިކޮށް އެމައްސަލައެއް ނުފޫޒެއް ނުވަތަ އެފަދަ ބާރެއް ފޯރުވޭނެ ގޮތަކަށް ނުވަތަ ކޯޓުގެ ހުރުމަތް ކެނޑިދާނެ ގޮތަކަށް ކޯޓުގެ ހުކުމްތަކަށް ތަބައު ނުވުމަށާއި. އެހުކުމްތަކަށް އަމަލުނުކުރުމަށް ހިތްވަރު ލިބޭގޮތަށް އަމަލުކުރާ ފަރާތްތަކާއި މެދު ވިޔަވަޅުއަޅާމަގުން. އެފަދަ އަމަލުތައް ކުރާ ނަމަ ދައުލަތުގެ ބަންޑާރަނައިބެއްކަމަކު ކޯޓުގެ ޝަރީއަތުގެ ތަޅުމަށް ހާޒިރުކޮށް ދައުލަތުގެ އެންމެ މަތީ މަސްލަހަތު ގާއިމް ކުރުމުގެ ގޮތުން އަދުލު އިންސާފަށްޓަކައި ކޯޓުގެ ހުރުމަތުގައި އަޅާ ފިޔަވަޅު ކޯޓުން އަޅާނެ ކަމުގައި ދިވެހިދައުލަތުގެ ބަންޑާރަ ނައިބާއި ބަންޑާރަ ނަބިގެ އޮފީހުން މިކަމުގައި ޝާމިލްވާ އެންމެނަށް އަންގަމެވެ.،" ސިވލް ކޯޓުގެ އެންގުމުގައި ބުނެފައުވެ އެވެ.