ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕް ފަށައިފި އެވެ.

ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ކުރިއަށްދިޔައީ ފިރިހެން ޑިވިޝަނުގެ ތިން މެޗެވެ.

އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ވާދަކުރީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކިހަވަށް ވޯރިއާސް އެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ މޯލްޑިވިއަން އެވެ. އެ މެޗުގެ ސެޓުތައް މޯލްޑިވިއަން އިން ގެންދިޔައީ 12-25، 12-25 އަދި 11-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މޯލްޑިވިއަންގެ ހުސައިން ވިޝާމް އެވެ.

ފިރިހެން ޑިވިޝަނުގެ ދެވަނަ މެޗުގައި ރޭ ސްޕޯޓްސް ކްލަބު ސިޓީގެ މައްޗަށް ޕޮލިސް ކްލަބުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 19-25، 21-25 އަދި 15-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ މުހައްމަދު ޝާއިން އެވެ.

ފިރިހެން ޑިވިޝަނުގެ ތިން ވަނަ މެޗުގައި ރޭ ސްޕޯޓްސް ކްލަބު ވިޝަން އަތުން ދިވެހި ސިފައިންގެ ކްލަބު މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 9-25، 11-25 އަދި 11-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ ކްލަބުގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

އެ މުބާރާތުގައި މިއަދު ވެސް ކުރިއަށްދާނީ ފިރިހެން ޑިވިޝަނުގެ ތިން މެޗެވެ. މިއަދު ހަވީރު ސިޕައިންނާއި ޕޮލިސް ކްލަބު ބައްދަލުކުރާ އިރު، މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މޯލްޑިވިއަން އާއި ސްްްޕޯޓްސް ކްލަބު ވިޝަން އެވެ. އަދި މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ކިހަަވަށް ވޯރިއާސް އާއި ސްޕޯޓްސް ކްލަބު ސިޓީ އެވެ.

މި މަހުގެ 10 އިން ފެށިގެން 24ގެ ނިޔަލަށް ކުރިއަށްދާ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ ހަ ޓީމެއް ވާދަކުރާ އިރު، އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ވާދަކުރެ އެވެ.

އަންހެން ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަކީ މޯލްޑިވިއަން އާއި، ޕޮލިސް ކްލަބާއި، ސްޕޯޓްސް ކްލަބު ހޯކްސް އާއި، ކްލަބު ތުރީ ސްޓާ އަދި އައިލެންޑް އޯޝަން ކްލަބެވެ.