11 Jul 2016, 12:38
ވިމްބަލްޑަން ޓެނިސް މުބާރާތުގެ، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، ދެވަނަ ފަހަރަށް އެންޑީ މުރޭ ހޯދައިފި އެވެ.
ސްކޮޓްލޭންޑަށް އުފަން މުރޭ ވަނީ އެ މުބާރާތުގެ ފައިނަލްގައި 2012 ވަނަ އަހަރު ވާދަކޮށް ޖެހިގެން އައި އަހަރު ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. މިއީ 1935 ވަނަ އަހަރު ފަހުން އިނގިރޭސި ކުޅުންތެރިއަކަށް އެ މުބާރާތް ދެ ވަނަ ފަހަރަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފައި ވަނީ ފްރެޑް ޕެރީ އެވެ.
މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް މުރޭ ކާމިޔާބުކުރީ، ރޭ ކުޅުނު ފައިނަލްގައި ކެނެޑާގެ މިލޯސް ރައޮނިޗްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. އެ މެޗުގެ ސެޓުތައް މުރޭ ގެންދިޔައީ، 4-6، 6-7 އަދި 6-7 އިންނެވެ.
މިއީ އޭނާގެ ކެރިއަރުގައި ހޯދި، ތިން ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. ވިމްބަލްޑަން ޓެނިސް މުބާރާތުގެ އިތުރުން އޭނާ ވަނީ މީގެ ކުރިން ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގައި ހަތަރު ފަހަރު ކުޅެ 2012 ވަނަ އަހަރު އެ މުބާރާތް ވެސް ކާމިޔާބް ކޮށްފަ އެވެ.
"ދެވަނަ ފަހަރަށް މި ތަށީގައި އަތް ޖައްސާލަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ފަހުރެއް،" ޓްރޮފީ އުފުލާލުމަށް ފަހު މުރޭ ބުންޏެވެ.
މުރޭ ބުނީ ވިމްބަލްޑަން ޓެނިސް މުބާރާތަކީ ވަރަށް ގިނަ ހިތި ހަނދާންތަކަކާ ގުޅިފައިވާ މުބާރާތެއް ކަމަށާއި ގިނަ އެހެން ކަމުން ކޮންމެ އަހަރަކު ވެސް އޭނާ އެންމެ އިސްކަމެއް ދީގެން ތައްޔާރުވާ މުބާރާތަކަށް ވެސް ވެފައި ވަނީ އެ މުބާރާތް ކަމަށެވެ.