ފިނޭންސް މިނިސްޓްރީ އިން ކުރިއަށް ގެންދާ ދައުލަތުގެ މާލީ ނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫއުގެ ދަށުން މެނޭޖްމަންޓް އިމްޕްލިމެންޓޭޝަން ސަޕޯޓް ކޮންސަލްޓެންޓެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާއިއުލާނެއްގައިބުނެފައި ވަނީ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިވާ ކަމަށެވެ.

ފިނޭންސުން ފަށާފައިވާ އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާ ކުރުމާއި ހާމަކަންބޮޑު ގޮތެއްގައި ސެންޓްރަލް ގަވަރުމެންމެންޓް ފައިސާއާ ބެހޭ މުއާމަލާތްތައް ރިޕޯޓްކުރުމެވެ.

ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތްކޮށްދިނުމުގެ ގާބިލުކަން ސާބިތުކޮށްދިނުމުގެ މައުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފުސީލާއި އެފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާގެ އިތުރުން ތައުލީމީ ފެންވަރާއި ހުނަރާއި އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރެއް ހުށަހަޅަންވާނެ ކަމަށެވެ.

ކޮންސަލްޓަންޓުގެ މަގާމަށް ކުރިމަތިލާ ފަރާތަކީ އެކައުންޓިން ނުވަތަ ފައިނޭންސް، އިކޮނޮމިކްސް ނުވަތަ އެއާ ގުޅުން ހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއްވަރުގެ ތައުލީމެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އިއުލާނުގައި ބުނެފައި ވަނީ އެ މަގާމަށް ކުރިމަތިލާ ފަރާތަކީ ޕަބްލިކް ފައިނޭންސްގެ ދާއިރާއިން މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ.

އެ މަސައްކަތަށް ހޮވޭ ފަރާތަށް، އެފަރާތެއްގެ ގާބިލުކަމާއި ތަޖުރިބާއަށް ބެލުމަށް ފަހު އަހަރަކު 39,600 ޔޫއެސްޑޮލަރާ އެއްވަރުގެ ދިވެހިރުފިޔާ ލިބޭނެ އެވެ.

ފިނޭންސުން ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އެ މިނިސްޓްރީއަށް ހުށަހެޅުން އެދޭ ކަމަށެވެ.